English Edition
Dhivehi Edition

ގދ.ތިނަދޫ ބަނދަރު ސަރަހައްދުން އުޅަނދުފަހަރުތަކަށް ފޯރުކޮށްދެމުންދާ ކަރަންޓާއި ފެނުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ޤާއިމުކުރެވިގެންދާނެކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވެއްޖެއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި ތިނަދޫ ބަނދަރަށް, ބަނދަރުކުރާ މަސްދޯނިތަކަށާއި މުދާ ބާލާ ބޯޓުތަކަށް ތިނަދޫ ބަނދަރުގެ 3 ސަރަހައްދަކުން ކަރަންޓާއި ސަޕްލައި ފެނުގެ ޚިދުމަތް ލިބޭނެގޮތް ހެދުމަށްޓަކައި ފެނަކަ އެމް.ޑީ އަހުމަދު ސައީދުއާއި މިހާރުވަނީ މަޝްވަރާކުރެވިފައެވެ.

އެގޮތުން ވަރަށް އަވަހަށް މިޚިދުމަތް ޤާއިމުކުރެވިގެންދާނެކަމަށް ފެނަކަ އެމް.ޑީ ވަނީ ވިދާޅުވެފައެވެ.

ސަޢުދު ވިދާޅުވި ގޮތުގައި ކަރަންޓާއި ސަޕްލައި ފެނުގެ ޚިދުމަތް ޤާއިމު ކުރުމަށް ވިސްނާފައި ހުރި ސަރަހައްދުތަކަކީ މުދާބާލާ ޖެޓީ އާއި މަސްދޯނި ފަހަރަށް ޚާއްޞަ ސަރަޙައްދުގެ އިތުރުން އުޅަނދު މަރާމާތް ކުރުމަށް ޚާއްސަ ސަރަހައްދުތަކަށެވެ.

މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގދ.ތިނަދޫ ބަދަރުމަތީ ދެސަރަހައްދެއްގައި ވަޅުފެން ލިބޭނެ އިންތިޒާމް ތިނަދޫ ކައުންސިލުން ވަނީ މީގެ ދެމަސްކުރިން ހަމަޖައްސާފައެވެ. ތިނަދޫ އައިސްޕްލާންޓް ޖެޓީ ސަރަހައްދުގައި ފެންވަޅެއް ބަހައްޓައި، މިފެންވަޅުން އެއްފަހަރާ ހަތަރު މަސްދޯންޏަށް ޚިދުމަތް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.