English Edition
Dhivehi Edition
ސިޒޭރިއަން ހެދިތާ ދެ މަސްފަހުން އަންހެނެއްގެ ބަނޑުން ނެގި ފޮތިގަނޑު --- ފޮޓޯ/ އާއިލާ

ފުވައްމުލަކު ހޮސްޕިޓަލުން، ސިޒޭރިއަން ހެދިތާ ދެ މަސްފަހުން އަންހެނެއްގެ ބަނޑުން ފޮތިގަނޑެއް ނެގި މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެ އަންހެންމީހާގެ މައްސަލަ އައިޖީއެމްއެޗުންނާއި ފުވައްމުލަކު ހޮސްޕިޓަލުން ހެލްތް މިނިސްޓްރީއަށް އަންގާފައިވާއިރު، ހެލްތު މިނިސްޓްރީން ބުނީ އެ މައްސަލަ ރަސްމީކޮށް ލިބުނު ވަގުތުން ފެށިގެން މައްސަލައިގެ ތަފުސީލު ލިޔެކިޔުންތައް މިނިސްޓްރީއަށް ފޮނުމަށް އެ ފަރާތްތަކަށް އަންގާފައިވާކަމަށެވެ.

އޮޕަރޭޝަން ތިއޭޓަރެއްގެ އެތެރޭގައި ހިނގާ ކަމެއްގައި ހިމެނޭނީ ހަމައެކަނި ޑޮކްޓަރު ނޫންކަމަށާއި އެކަމުގައި އިތުރު ފަރާތްތައްވެސް ޝާމިލުވާނެކަން ފަހާގަކޮށް މިނިސްޓްރީން ބުނީ އެ މައްސަލަ ރަނގަޅަށް ބެލުމަށްފަހު ފިޔަވަޅެއް އަޅަން ޖެހޭތޯވެސް ބަލާނެކަމަށެވެ. އަދި މިފަދަ ހާދިސާތައް ހިނގުން މަދު ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާކަމަށް ހެލްތުން ވަނީ ބުނެފައެވެ.

އާއިލާ އާއި ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މީގެ ދެމަސް ކުރިން ފުވައްމުލަކު ހޮސްޕިޓަލަށް އެ އަންހެން މީހާ ދިޔައީ ވިހަން ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ވެގެންނެވެ. ސިޒޭރިއަން ހެދުމަށްފަހު ގެއަށް ދޫކޮށްލި ފަހުން ދޭތެރެ ދޭތެރެއިން ބަނޑުގައި ރިއްސާތީ އަންހެން މީހާ އުޅޭ ކަމަށް އާއިލާއިން ބުނެފައިވެއެވެ. އާއިލާއިން ބުނީ އެހެން ހުއްޓާ އަނެއްކާ ތަދު އިތުރަށް ބޮޑުވީމަ ޑޮކްޓަރަށް ދައްކަން ދިޔަކަމަށާއި އެ ފަހަރުވެސް ބެލުމަށްފު ޑޮކުޓަރުގެ ފަރާތުން މަސައްލައެއް ނެތްކަމަށް ބުނެފައިވާކަމަށެވެ.

އެ ޑޮކްޓަރުގެ ލަފަޔާއެކު އޮޕްރޭޝަން ޑޮކްޓަރަށް ދެއްކުމުން، އޮޕަރޭޝަން ޑޮކްޓަރު ބަލާފަ މައްސަލައެއް އުޅޭ ވާހަކަށް ބުނުމުން، މާލެ އައިސް އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކިކަމަށް އާއިލާއިން ބުންޏެވެ،އަދި އެ ޑޮކްޓަރަށް ދެއްކުމުން ގޮހޮރުގަ ފާރުކޮޅެއް ހުރިކަމަށާއި އެންޓިބައޮޓިކް ދިނީމަ ރަނގަޅު ވެދާނެކަމަށް އައިޗީއެމްއެޗް އިން ބުނިކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އިތުރަށް އާއިލާއިން ބުނީ ބޭސް ދީގެންވެސް ރަނގަޅު ނުވެއްޖެއްޔާ ސިޒޭރިއަންއެއް ހަދަންޖެހޭނެކަމަށް އައިޗީއެމްއެޗް އިން ބުނެފައިވާކަމަށެވެ.

އިތުރަށް އާއިލާއިން ބުނީ ގޮހޮރުގެ ތަންކޮޅެއް ފޫގޮސް ދުޅަވެފަ އިންނަ ކަމަށް ސީޓީ ސްކޭނުން ވެސް ދައްކާކަމަށެވެ. އެހެންކަމުން ބޭހުން ރަނގަޅު ނުވުމުން ސިޒޭރިއަން ހަދަން ނިންމީކަމަށެވެ. “ދެން ސާޖަރީ ހަދާ ނިންމާފަ ޑޮކްޓަރު އައިސް ބުނީ ފުވައްމުލަކު ހޮސްޕިޓަލުން އެންމެ ފަހުން ހެދި ސިޒޭރިއަން ގަ ބޮޑު ފޮތިގަނޑެއް ބަނޑުތެރެއަށް ލާފަ ބަނޑު ފަހާފައޭ އިނީ. އެ ފޮތިގަނޑު ގޮހޮރުގަ ތަތްވުމުގެ ސަބަބުން ގޮހޮރު ފޫ ވެއްޓި، ދުޅަވެ އެގޮތަށް ވީމަ ދެން މިޖެހުނީ ގޮހޮރު ބުރިކޮށްލާށޭ. ދެން ބުރިކޮށްލާފަ ސާޖަރީ ހެދީ” އާއިލާއިން ބުންޏެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ފަރުވާކުޑަކަމުގެ ޝަކުވާތައް ގިނަވެފައިވާ މި ދަނޑިވަޅު، މާބަނޑުމީހަކު ސްކޭން ނުކޮށް ދަރިފުޅު ރަނގަޅުކަމަށް ބުނުމަށްފަހު، ދަރިފުޅު މަރުވި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.