English Edition
Dhivehi Edition
ހަންކެޑެ ސަރަޙައްދުގައި އަލަށް ހަދާ ބްރިޖުގެ ކުރެހުން

އެޑިޓަރުގެ ނޯޓު: މިއީ އޭއޯނިއުސްގެ ކިއުންތެރިއެއްކަމަށްވާ އަޙްމަދު ހިސާމު އޭއޯނިއުސްވެބްސައިޓްގައި ޝާޢިއު ކުރުމަށް ފޮނުއްވާފައިވާ ލިއުމެކެވެ. މިލިއުމުގައި އެވަނީ ކިއުންތެރިޔާގެ އަމިއްލަ ޚިޔާލެވެ.

އައްޑޫގެ ރަށްތައް ހިއްކުމާއި ތޮށިލުމުގެ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އީއައިއޭ އާއި ގުޅޭގޮތުން އެމަސައްކަތާއި ޙަވާލުވެފައިވާ ފަރާތުން ބޭއްވުނު ޕަބްލިކް ކޮންސަލްޓޭޝަން ސެޝަންގައި ބައިވެރިވެ، އަޅުގަނޑަށް ފާހަގަ ކުރެވުނު ބައެއް ކަންކަން ޙިއްސާ ކުރަމެވެ.

1) މިފަދަ ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން މަދުވެގެން، އާބާދީގެ ވިހި ޕަސެންޓާއި ކޮންސަލްޓް ކުރަން ލާޒިމް ކުރާއިރު މިހާތަނަށް އައިއިރު އެދެވޭގޮތެއްގައި މިކަންކުރިއަށް ގެންދެވިފައިވާ ނުވެއެވެ. މިފަދަ ޕްރޮޖެކްޓަކަށް ފުޅާ ދާއިރާއެއްގައި އީއައިއޭ ހަދަން ގާނޫނު ލާޒިމްކުރަނީ ގިނަ ސަބަބު ތަކާއި ހެދިއެވެ. މިހާރު އައްޑޫގައި ހިއްކަން ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ ހަމަ އެކަނި ބޯހިޔާވަހިކަމަށް ހޯދާ ހައްލަކަށް ނުވެފައި، ޓޫރިޒަމާއި، އެންވެރިކަމާއި، މަސްވެރިކަން، އަދި ކުރިއަށް އޮތް 50 އަހަރު މުޅިއިގްތިޞާދު އެކަމަކަށް ބަރޯސާވާނެ ކަންކަން ކަން ކަށަވަރެވެ. ވުމާއެކު ދެމެހެއްޓެނިވި މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވީހާވެސް ގިނަ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހިމެނުން މުހިއްމު ކަމުގައި ދެކެމެވެ.

2) މުޅި ޕްރޮޖެކްޓް ފުރިހަމަ ކުރުމަށްޓަކައި 6 މިލިއަން ކޮޑި މީޓަރަށް ވުރެ ގިނަޢަދަދަކަށް އައްޑޫގެ އެތެރެވަރީގެ އެކި ހިސާބުތަކުން ވެލި ނަގަން ޖެހޭކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވާއިރު، އެހާވަރަށް ވެލިހުރިތޯ ބެލިފައިނުވާކަމަށް ވޯޓަރސޮލިއުޝަނުން ބުނެފައިވެއެވެ. ފޭދޫގައި ދާދި ފަހުން ހިއްކުނު ބިން ހިއްކުމަށްޓަކައި ބޭނުން ކުރެވިފައިވަނީ ގާތްގަނޑަކަށް 1 މިލިއަން ކޮޑިމީޓަރގެ ވެއްޔެވެ. ކުރިން ބިން ހިއްކާ ނިންމާލީ ވެސް އެއްވެސް ސްޓަޑިއެއް ނަހަދާ، އަދި ޤާނޫނު ލާޒިމްކުރާ އެއްވެސް މޮނިޓަރިންގ އުސޫލުތަކަށް ބެލުމެއް ނެތި އެވެ. ކުރިން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި ގުޅޭ އެއްވެސް ކަމެއް ޑޮކިއުމެންޓް ކުރެވިފައިނުވާކަމަށް އީޕީއޭ ހަވާލާދީ ވޯޓަރ ސޮލިއުޝަނުން ބުނެފައިވެއެވެ. އަދި މީގެ ސަބަބުން އަތޮޅުގެ ކަނޑާއި ގުޅޭ ގުދުރަތީ ވެއްޓަށް މިހާރުވެސް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އެފަރާތުން ހާމަ ކުރެއެވެ.

3) އައްޑޫގެ އިގްތިސާދު މުސްތަޤްބަލުގައި ބައްޓަން ކުރަން ބޭނުންވަނީ ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާޢަތްތަކުން ނެރޭ ނަފާ އިންކަމަށް “އައްޑޫ ރިޔާސީ ވަޢުދުނާމާ” ގައި ބަޔާންކޮށްފައިވާ އިރު، އަޅުގަނޑުމެންގެ ފަރުތަކާއި ހާހަލަށް ވާގޮތް ބާލުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ދެކެމެވެ. މިހާތަނަށް އައިރު މިކަމާއި ގުޅޭގޮތުން އެކަށީގެންވާ މިންވަރަށް ބަލައި ހޯދިފައިނުވެއެވެ. އެހެންކަމުން މީގެ ސަބަބުން އިޔާދަ ނުކުރެވޭވަރުގެ ގެއްލުންވުން ވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

4) ހިތަދޫ މަނިކު ފާލަމާއި ދިމާލުން އެއް ރިސޯޓް އަދި ކަނބިހާ ބީޗް އާއި ދިމާލުން އެއް ރިސޯޓު ހަދާއިރު ، އައްޑޫގައި ޓޫރިޒަމަށް އިންވެސްޓްކުރާނެ ބިން ހުސްވީތޯ އައްޑޫގެ ވަރަށް ގިނަ ބަޔަކު ސުވާލު އެބަ އުފައްދައެވެ. ބައްދަލުވުމުގައި އައްޑޫގެ ކުރީގެ މޭޔަރ ޢަބްދުއްﷲ ސާދިގު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން އެންމެ ބޮޑު އެއްކަންބޮޑުވުމެއް ކަމުގައި، ވަކިން ޚާއްސަކޮށް ހިތަދޫގެ އިރުމަތީފަރާތުގެ ބީޗް އެއްކޮށް ނެތިގެން ދާނެކަން ފާހަގަ ކުރެވިފައިވެއެވެ. ހަމަ އެހެންމެ ގުދުރަތީގޮތުން އައްޑޫގެ އެތެރެވަރީ އަކީ ތަފާތު ތަނެއްގެ ގޮތުގައި ފާހަގަކޮށް، އޮއިވަރަށް އަންނާނެ ބަދަލު އަންދާޒާ ކުރެވިފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރުވެސް އެކި މޫސުންތަކުގައި އެއްރަށުން އަނެއް ރަށަށް ވެލިގަނޑު ދަތުރުކޮށް ދައުރު ވަމުންދާ އިރު ހިއްކޭ ރިސޯޓު ތަކުގެ ދެމެހެއްޓެނިވި ތަސައްވަރާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

5) ދިވެހިރާއްޖޭގެ ނިސްބަތުން އައްޑޫގައި އޮތް ފަރަކީ އެންމެ ކުޑަ ފަރެވެ. މިފަރުގެ ނާޒުކުކަން މީގެ ކުރިން ގަން އަދި ފޭދޫ ހިއްކުމުގައި ވެސް ވަނީ ފުޅާދާއިރާއެއްގައި ކިޔައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އައްޑޫގެ ވަރަށް ގިނަ ޑައިވަރުން ބުނާގޮތުން، މިދެޕޮރޮޖެކްޓަށްފަހު މުޅި އަހަރުތެރޭ ކަނޑުއަޑީގައި ދުރުމިން ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ އަދިވެސް މުޅިން އެކީއެކަށް އިޔާދަ ނުކުރެވެއެވެ. ދާދިފަހުން އައްޑޫގައި ބޭއްވުނު ބްރިޓިޝް ލޯޔަލްޓީ ހަރަކާތުގެ ފޮޓޯތަކުން މިކަން ކިތަންމެހާ ބޮޑަކަށް ސާފުވެއެވެ. ޝަނގްރިލާ ވިލިނގިއްޔާއި ހެރެތެރެ އަކީ ގުދުރަތީ ވެއްޓެއްގެ ތެރެއިން އުފެދިފައިވާ ރަށްތަކަށް ވީނަމަވެސް އެރަށްތަކަށް ވެސް ވަނީ ވެލި ހަރުނުލުމުގެ މައްސަލަ ދިމާވެފައެވެ. އެތައް މިލިއަން ޑޮލަރު ޚަރަދުކޮށްގެން ވެސް މިކަމުގެ ސަބަބު މިއަދާއި ހަމައަށް ވެސް ހޯދިފައި ނުވެއެވެ. ވީއިރު، އަޅުގަނޑުމެން އަމިއްލައަށް ހިއްކައިގެން ޤާއިމްކުރާ އާރޓިފިޝަލް ރަށްތަކެއް ދެމެހެއްޓެނިވި ގޮތަކަށް ބޭއްވިދާނެތޯ މިއީ ރަނގަޅަށް ބަލާ ދިރާސާ ކުރަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ.

ފަހަރުގައި ދިމާވާ ގޮތަކުން ދެން އަލުން، ދުވަހަކުވެސް އަޅުގަނޑުމެންނަށް ޓޫރިޒަމޭ ނުކިޔޭ ވަރަށް އައްޑޫގެ ޓޫރިޒަމްގެ ވެށި ތަޢައްޔަރު ވުމަކީ މިދެންނެވި ޙާލަތުގައި ނުވާނެ ކަމެކޭ ނުދެންނެވޭނެއެވެ.

ހަންކެޑެ ސަރަޙައްދުގައި އަލަށް ހަދާ ލިންކްރޯޑު

ފުރިހަމަވެފައި ނުވިޔަސް، މާޒީގައި އަޅުގަނޑުމެން ކުޑައިރު ދެކެނީ މާސްޓަރ ޕްލޭންތަކެވެ. ޓީވީ އާއި ރޭޑީއޯތަކުން ކިޔާތީ ނިކަން ގިނައިން އަޑުއަހަމެވެ. އަދި މިހާރު އެނގޭގޮތުން، އެއީ ކުރިއަރާފައިވާ ނުވަތަ ކުރިއަރަމުންދާ ހުރިހާ ގައުމުތަކުގައި ވެސް އެކަން ރޭވިހިނގަމުންދާ ގޮތެވެ. އެކަމަކު މިފަހަކަށް އައިސް މުޅިންވެސް މިފެންނަނީ މެނިފެސްޓޯތަކާއި، ވަޢުދުނާމާތަކާއި، ލޭންޑް ޔޫޒް ޕްލޭންތަކެވެ.

މިސަރުކާރު އަންނަންވެގެން ވިވަޢުދަކީ 600 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދައުލަތުގެ ބަޖެޓުން، ދައުރުގެތެރޭ ޚަރަދުކުރާނެކަމެވެ. ދެން އޭރު ވިސްނުމަކަށްވީ އެރަށެއްގެ ކަންކަން ނިންމާނީ އެރަށެއްގެ ރައްޔިތުން ކަމަށްހެދުމެވެ. ދެން، އޭރު އައްޑޫގެ ސިޔާސީ ކަންކަމުގައި އުޅުއްވި ބައެއް ފަރާތްތަކުގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ހުށަހެޅިގެން ދިޔަ ކަރުދާސް، ބަދަލުވެގެން ދިޔައީ ސަރުކާރުން ކަނޑައެޅި “އައްޑޫ ވަޢުދުނާމާ” ގެ ގޮތުގައެވެ. ވަޢުދުނާމާގެ އަސާސްތައް ކަމުގައި ފެންނަން އޮތީ މުޅިން ވެސް އެކި ބޭނުންތަކަށް ބިން ހިއްކުމެވެ. މިވަޢުދުނާމާ ރައްޔިތުންނަށް ވިއްކުމަށްޓަކައި ސަރުކާރުގެ ކެމްޕޭންތަކުގައި ވިދާޅުވަމުން ގެންދެވީ، އައްޑޫގެ ތަރައްޤީ ގެންނާނީ ހުރިހާކަމެއް އެކު އެކީގައިކަމަށެވެ. އައްޑޫގެ ކުރިމަގަށް އިންވެސްޓްކުރާ މިފައިސާގެ ސަބަބުން ބޯހިޔާވަހިކަމަށް ޙައްލު ލިބި، ދަތުރު ފަތުރު ރަނގަޅުވެ، ޓޫރިޒަމް އިންޑަސްޓްރީ ފުރާދާއިރާއެއްގައި އައްޑޫގައި ހިންގޭނެކަމަށެވެ. އަދި މިހުރިހާކަމެއްގެ ސަބަބުން ގިނަ ވަޒީފާތަކެއް އުފެދި، ޖީބަށް ބަރުވެ، އިސާހިތަކު އިގްތިސާދީ ދުވެލި ބާރުވެ ދުއްވައިގަނެވިދާނެކަމަށެވެ. މި 600 މިލިއަން ޑޮލަރު ގުޅިފައިވަނީ އެތައްހާސް ވަޒީފާތަކާއި ފުދުންތެރި ޖީލެއްގެ މުސްތަޤްބަލާ އެވެ.

އަޅުގަނޑުމެންނަކީ ވެސް މިމުޖްތަމަޢުގައި ދިރިއުޅެމުންދާ ބަޔަކީމެވެ. އަޅުގަނޑުމެން މިފަދަ ކަންކަމަށް ބަސްނުކިޔައިފިނަމަ، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލު އަޅުގަނޑުމެންނަކަށް މާފެއް ނުދޭނެއެވެ.

އައްޑޫ ރައްޔިތުންގެ ނަމުގައި، އައްޑޫ ވަޢުދު ނާމާ ތައްޔާރުކޮށް ހުށަހެޅީ ކޮންބައެއް ހެއްޔެވެ؟ މިއީ އެއްވެސް ބަޔަކަށް އަމާޒުކޮށް ކުރާ ސުވާލެއް ނޫނެވެ. މިއީ ހަމަ އަޅުގަނޑަށް ނޭނގޭތީ، އެނގޭ މީހަކު ހުރެދާނެކަމަށް ބަލާ ކޮށްލާ ސުވާލެކެވެ. މިފަދަ ބޮޑު ބިޔަ މަޝްރޫއެއް މިމަރުޙަލާއައިގޮތްކަން އެނގެން ޖެހޭކަމުގައި ދެކެމެވެ. ސަބަބަކީ، މިފަދަ ކަންކަމުގައި ރައްޔިތުންނާއި މަޝްވަރާކުރަންޖެހޭނީ ފައިސާ ޚަރަދުކުރަން ފަށާ ހިސާބުން ނޫން ކަމުގައި ދެކެމެވެ.

އައްޑޫ ވަޢުދުނާމާ ތައްޔާރު ކުރީ ކިތައް ރައްޔިތުންނާއި މަޝްވަރާކޮށްފައި ހެއްޔެވެ. ވަޢުދެއް ވުމާއި، ވަޢުދަކަށް އަމަލުކުރުމަކީ ތަފާތު ދެކަމެކެވެ. ޢަމަލުކުރުމުގައި އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައިވާއިރު، އަދި ބައިނަލް އަގުވާމީގޮތުން ވަރަށް ގިނަ ކަންކަމަކީ އެކަންކަން ކުރުމުގައި އެންމެ ރަނގަޅުގޮތް ކަނޑައެޅިފައިވާ ކަންކަން ކަމަށް ވާހިދު، މިހުރިހާކަމަށް ރިޢާޔަތް ކުރަން ޖެހޭކަމުގައި ދެކެމެވެ. ގަދަކަމުން ނަމަވެސް ދައުރުތެރެއިން މިފައިސާ ޚަރަދުކުރެވިދާނެއެވެ. އެކަމަކު އެބުނާ ވަޒީފާ ނުނެރެވި އައްޑޫގެ ޓޫރިޒަމް އެއްކޮށް ވިއްސިވިހާލި ވެގެން ހިނގައިދާނެވެ. ފުރުޞަތު ނުގެއްލެނީސް ވިސްނާލުން މުހިއްމުކަމުގައި ދެކެމެވެ.