English Edition
Dhivehi Edition

ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި ގިނަ މީހުން އެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް ބޭއްވުން މަނާވާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް ފެތުރުމުގެ ހާލަތު ރަގަޅުވަމުން ދިއުމާއި ގުޅިގެން ލުއިތައް ދީފައިވާ މި ދަނޑިވަޅު އާންމު ދިރިއުޅުމުގަ އާއި އެކިއެކި ހިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގަ އާއި ދަތުރު ފަތުރުކުރުމުގައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. ހާއްސަކޮށް ޗުއްޓީ އަށް ތަންތަނަށް ދަތުރު ކުރުމާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި އާންމުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ބަޔާންކޮށް މިއިއުލާނުގައި ބުނީ ކަނޑުމަގުންނާއި ވައި މަގުން ދަތުރު ކުރާއިރު، މާސްކް އަޅައި އެހެން މީހުންނާ ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަން އެދިފައިވެ އެވެ. މީގެ އިތުރުން

  • މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އާންމު ތަންތަނުގައި އެކި ހިދުމަތް ހޯދަން ދާއިރު މާސްކް އަޅައިގެން އުޅުމަށް ވެސް އެދިފައިވެ އެވެ.
  • އީދު ފާހަގަ ކުރަން ގިނަ ބަޔަކު އެއްވާ ހަރަކާތްތަކާއި ކުޅިވަރު މުބާރާތައް ނުބޭއްވުމާއި އެއް ރަށުން އަނެއް ރަށަށް މީހުން ދާން ޖެހޭ ފަދަ ހަރަކާތްތައް ނުހިންގުމަށްވަނީ އެދިފައެވެ.
  • ކެެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޕާކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ވެސް ވަނީ އެދިފައެވެ
  • ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ފްލޫ ކްލިނިކަށް ގޮސް ޓެސްޓުކޮށް، ނަތީޖާ ލިބެންދެން އެކަހެރިވުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ. އަދި ކަަރަންޓީނުގައި ތިބެން ޖެހޭ ފަރާތްތައް ކަރަންޓީނުގެ އުސޫލުތަކަށް ފުރިހަމަ އަށް އަމަލު ކުރުމަށް އެދިފައިވެ އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް19 ފެތުރުމުގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކައި އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާޒުކޮށްފައެވެ.