English Edition
Dhivehi Edition

“ސަސްޓެއިންބުލް ޑައިވިން އިން ފުވައްމުލައް” މިނަމުގައި, ރޭގައި ކުލަބުހައުސްގައި ,ރާއްޖެއާއި ފުވައްމަލުގެ މަޝްހޫރު ބައެއް ޑައިވަރުންނާއި އެކު ކުރިއަށްގެންދިޔަ ފޯރަމެއްގައި ވާހަކަ ދައްކަމުން,ރާއްޖޭގެ މަޝްހޫރު ޑައިވިން އިންސްޓްރަކުޓާރއެއް ކަމަށްވާ ހަސްރަތު (ހައްތު) ފާހަގަ ކުރި ގޮތުގައި, ރާއްޖޭގައި މިހާރުއޮތް އެންމެ ރީތި އެންމެ ތާޒާ މުރަކައިގެ ފަރުތައް ހުރީ ފުވައްމުލަކުގައެވެ. އަދި މި ފޯރަމްގައި ވާހަކަ ދެއްކި އެންމެންވެސްވަނީ މިކަމަށް އިއްތިފާގުވެފައެވެ.

ފުވައްމުލަކަކީ ދުނިޔެއާއި ރާއްޖެއާއި, ނަން މަޝްހޫރުވަމުން އަންނަ ޑައިވިންގެ މަންޒިލެކެވެ. އެހެންކަމުން މިނަން ދިރުވައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި, މިހާރަށްވުރެން ހަރުދަނާ ގޮތަކަށް ބައެއް ކަންކަން ހަމަޖައްސަން ޖެހެއެވެ.

ފުވައްމުލައް ސިޓީގެ ފަރުތަކުގެ ރީތި ވާހަކަ ދައްކަމުން މަޝްހޫރު އެހެން ޑައިވިންގ އިންސްޓްރަކުޓަރަކު ހާމަކުރި ގޮތުގައި, ފުވައްމުލަކުގެ ފަރުތަކުން އެފެންނަ, ރީތި އައު ވައްތަރު ތަކުގެ މަސްތަކާއި,ހާޑު ކޮރަލްސް އަދި ސޮފްޓު ކޮރަލްސް ފަދަ ތަކެތި ދިވެހި ރާއްޖޭގެ އެހެން އެއްވެސް ފަރަކުން ނުފެނެއެވެ.އަދި ރާއްޖޭގެ އެހެން ގިނަ ފަރުތައް މިހާރު ހުންނަނީ ހުދުވެފައި ކަމަށާއި, ނަމަވެސް ފުވައްމުލަކުން ފެންނަ މުރަކަތައް އަދި ފެންނަނީ ވަރަށް ތާޒާކޮށް ކަމުގައިއޭނާ ވިދާޅުވިއެވެ. މި ފޯރަމްގައި ވާހަކަ ދައްކަމުން ޑައިވިން ސްކޫލެއް ހިންގާ އަދި ޑައިވުކުރާ ފުވައްމުލައްސިޓީއަށް ނިސްބަތްވާ މީހަކު ފާހަގަ ކުރި ގޮތުގައި ދުނިޔޭގައިވެސް އޮތް އެންމެ ސިއްހަތު ރަގަޅު, އެންމެ ގިނަ ވައްތަރުތަކުގެ ތަފާތު މިޔަރުތައް ފެންނަރަށަކީ ފުވައްމުލައްސިޓީ އެވެ. ރާއްޖޭގެ ނަން މަޝްހޫރު ޑައިވިންގ އިންސްޓްރަކުޓަރެއް ކަމަށްވާ ސެންޑީ ފާހަގަ ކުރިގޮތުގައި ފުވައްމުލަކުގައި ޑައިވިންގެ ކަންތައްތައް ދެމިހެއްޓިނިވި ގޮތުގައި ކުރިއަށް ގެންދަން ޖެހޭކަމަށާއި, ފުވައްމުލަކުގެ ފަރުތަކާއި, އެތަނުން އެފެންނަ ތަކެއްޗަކީ މެރިން ސައިންސް ކިޔަވައިދީ, ތަހުލީލުތައް ކުރެވިދާނެ ލެބޯޓުރީއެއް ކަމުގައި ހެދިދާނެ އެވެ. އެހާވެސް އެފަރުތައް މުއްސަނދިވެފައި ޗާލުކަމަށްއޭނާ ބުންޏެވެ. ނެޝަނަލް ޖޮއިގުރަފީގެ ޓީމުތަކުންނާއި, ދުނިޔޭގެ މަޝްހޫރު ބައެއް މެރިން ބައޮލޮޖިސްޓުންގެ ޓީމުތަކުން މިހާރުވެސް އައިސް ޑައިވުކޮށް ,ބައެއް ކަހަލަ ޑޮކިއުމެންޓުރީތައް ހެދުމަށް މިހާރުވެސް މަޝްވަރާ ކުރެވެމުންދާ އިރު, މިފަދަ ގުދުރަތީ ފުރިހަމަ ވަޞީލަތެއް މިރަށުގައިވީ އިރު މިތަނުގެ ބޭނުން ޒުވާންކޮށް ބޮޑެތި ވަމުން އަންނަ ކުދިންނަށް މެރިންސައިންސް ކިޔަވައިދީ މިކަމަށް ހިތްޖައްސުވަން މަސައްކަތްކުރަން ޖެހޭކަމުގައި އެފޯރަމްގައި ވާހަކަ ދެއްކި ފަރާތް ޚިޔާލުފާޅުކުރިއެވެ.

މިޔަރު ޑައިވިން އަދި ކޮރަލް ބަގީޗާ ޑައިވިންގއަށް މަޝްހޫރު ފުވައްމުލަކުގައި މިހާރުވެސް 7 ޑައިވިންސްކޫލް ހުރެއެވެ. ފުވައްމުލަކަކީ މިޔަރު ބަލާލަން ޑައިވުކުރާ މީހުންގެ މެދުގައި ވަކިން މަޝްހޫރު ރަށަކަށްދާއިރު, އަހަރުގެ ހުރިހާ ދުވަސްތަކުގައި މިޔަރާއި އެކު ޑައިވްކުރުމުގެ ފުރުސަތު ފުވައްމުލައްސިޓީއިން ލިބިގެންދެއެވެ. އެހެންކަމުން މިސިޓީއަކީ ފަތުރުވެރިންނާއި, ރާއްޖޭގެ އެކިކަންކޮޅުތަކުން ޑައިވުކުރަން މީހުން އަންނަ ރަށެކެވެ. ރަށުގެ ޑައިވިން ޙަރަކާތް ދެމެހެއްޓިނިވި ގޮތުގައި ކުރިއަށް ގެންދާނެގޮތްތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކި މި ފޯރަމްގައި ހުރިހާ އެންމެންވެސް އިއްތިފާގުވީ ފުވައްމުލަކުގެ ޑައިވިން އިންޑަސްޓުރީއަކީ ރާއްޖޭގެ އެހެން ހުރިހާ ހިސާބުތަކަށް ވުރެން ތަފާތު އަދި ފަހި މުސްތަގުބަލެއްއޮތް ކަމެއްގެ ގޮތުގައެވެ.

ފުވައްމުލައް ސިޓީއަކީ މެހެމާންދާރީއަށާއި, ރަށުގެ ފެހިކަން އަދި ސާފު ތާހިރުކަމަށް މަޝްހޫރު ގިނަ ބަޔަކު އެރަށެއް ދެކިލަންދާން ބޭނުންވާ ރަށެކެވެ. ޑައިވުކުރާ މީހުންގެ މެދުގައި މަޝްހޫރު ވަމުން އަންނަ މިސިޓީގައި, މިވަނީ ދާދި ފަހުން ސެމްސަންގ ގެލެކްސީ އެސް21 އަލްޓްރާ ފޯނުގެ އިސްތިހާރެއްގައިވެސް ފުވައްމުލަކުގެ ކަނޑުއަޑީގެ ހިއްގައިމު ރީތި މަންޒަރުތަކާއި, މިޔަރުތައް ދައްކާލައިފައެވެ.