ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު ދޫކުރި ފްލެޓްތަކުގެ މަހުކުއްޔަކީ 6،000 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ 03 ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހުކުއްޔަކީ 6000 ރުފިޔާކަމުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމު ހަމަޖައްސާފައިވާކަމަށެވެ. އަދި މިފްލެޓްތަކުގެ ޖުމްލަ ފައިސާ ދައްކާ ހަލާސް ކުރަންޖެހޭނީ 25 އަހަރުގެ ތެރޭގައި ކަމަށާއި އޭގެ ކުރިން އަގުއަދާކޮށްފިނަމަ އެތަންތަން މިލްކު ކޮށްދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
ކުރިއަށް އަށް އޮކްޓޯބަރ މަހުގައި ފްލަޓުތައް ލިބުނު މީހުންނާއި އެތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ފްލެޓް ލިބޭ މީހާ ފްލެޓްގައި އުޅެން މަޖުބޫރުވާނެ ކަމަށާއި އެހެން ނޫނީ ފްލެޓްތައް އަތުލާނެ ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.މުއިއްޒު މިހެން ވިދާޅުވެފައިވަނީ މީގެކުރިން ފްލެޓް ލިބުނު ބައެއް މީހުން އެ ފްލެޓްތަކުގައި ދިރިއުޅުމުގެ ބަދަލުގައި އެހެން ބަޔަކަށް އެތަން ކުއްޔަށް ދީފައި ހުންނަކަން ފާހަގަކުރެވިފައިވާތީ އެމައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ.
ހުޅުމާލޭގައި އަލަށް އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން 661 ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން މިފަހަރު ފްލެޓް ލިބުނު 167 ފަރާތަކީ ކޮންމެ ވެސް ގޮތަކުން ނުކުޅެދުންތެރިކަމެއް ހުރި ކުއްޖަކު ހިމެނޭ އާއިލާތައް ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ މިފަހަރު ފްލެޓް ދިނުމުގައި ވެރިކަން ކުރާ ޕާޓީގެ މީހުންނަށް އިސްކަންދީފައި ނުހުންނާނެ ކަމަށާއި ފްލެޓް ދޫކުރި ގޮތާއި ގުޅޭގޮތުން އޭސީސީއާއި މަޖިލީހުން ބަލަމުންދާ ކަންކަމަށް މިނިސްޓްރީން އެއްބާރުލުން ދެމުންގެންދާ ކަމަށެވެ.