English Edition
Dhivehi Edition
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ފޮޓޯ: މަޖިލީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ހަގީގީ ސިޔާސަތު ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށާއި، ގޯއްޗާއި ފްލެޓު ލިބުނުކަމުގެ ލިޔުން ލިބުނު މީހުންނަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ ތަޅުމަށް މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އޮތް އިންތިހާބުގެ ދުވަސްވަރު، ކުރީ ސަރުކާރުން ދޫކުރި އެއްވެސް ބިމެއް އަތުނުލައްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ދެއްވި ޕްރެސް ކޮންފަރެންސްގައި، އެމްޑީޕީގެ ސަރުކާރުން ދޫކުރި ގޯތިތަކުގެ ރަޖިސްޓްރީތަކާ މެދު ސުވާލު އުފައްދަވައި އެ ތަންތަން ހަވާލުކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެ، ގޯތިތަކުގެ ލޮކޭޝަން ބަދަލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވި ކަމަށެވެ.

މީގެ އިތުރުން މީކާއިލްވަނީ މިދިޔަ ސަރުކާރުން ގޯތި ދިނުމަށް ކަނޑައެޅި ހުޅުމާލޭގެ ހިއްކާފައިވާ ސަރަހައްދާއި ގުޅީފަޅާއި ގިރާވަރުފަޅަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ބަޖެޓުގައި ހިމަނާފައިނުވާކަމަށާ އެހެންނަމަވެސް ފުށިދިއްގަރު ފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނާފައިވާކަމަށެވެ.

މީގެ އިތުރުން މީކާއީލް ވަނީ ގޯއްޗާއި ފްލެޓު ލިބުނުކަމުގެ ލިޔުން ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރުމަށް ގޮވާލާފައެވެ.