English Edition
Dhivehi Edition

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވަނީ ބޮންގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު (21އ)، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު،(32އ) އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު އެވެ. މި ހަތަރު މީހުންގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި މިމަހުގެ 11 ވަނަ ދުވަހު ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27އ) ވަނީ ހައްޔަރުކޮށްފައެވެ.

މި ފަސް މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މި މަހުގެ 22 ވަނަ ދުވަހު މުޖާޒު އަހުމަދާއި ތަހުމީން އަހުމަދު އަދި އަދުހަމް އަހުމަދު ރަޝީދުގެ ބަންދަށް އިތުރު 30 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. އަހުމަދު ފާތިހުގެ ބަންދަށް މި މަހުގެ 20 ވަނަ ދުވަހު ކޯޓުން 15 ދުވަސް ދީފައިވާއިރު އަލީ ހައިޝަމް ގެ ބަންދަށް އިތުރު 15 ދުވަސް މި މަހުގެ 27 ވަނަ ދުވަހު ކޯޓުން ވަނީ ދީފައެވެ،

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާއާއި ގުޅިގެން ބޮޑެތި ޒަޚަމްތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވިއިރު އެ މަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކޮށްފައިވާއިރު އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.