English Edition
Dhivehi Edition
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓް - ފޮޓޯ: މިހާރު

ކޮވިޑް-19 ޖެހުމަށް ފަހު، ރަނގަޅުވާ މީހުންނަށް ކަރަންޓީނަކާއި ނުލައި އެރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ މާލެ ސަރަހައްދުގައި ކޮވިޑް19 ގެ ސަބަބުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. މި ގޮތުން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީނު ވުމަކާއި ނުލައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ބަލިން ރަނގަޅު، ވަކި މުއްދަތެއް ވެފައިވާ މީހުންނަށް އެއްވެސް ކަހަލަ ދަތިކަމަކާއި ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުރުމަށް ނިންމާފައިވާއިރު މާލޭ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވަގުތު ކުރުކޮށް, ބޭރަށް ނުކުތުމަށް ފާސް ބޭނުން ނުވާ ގޮތަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

މި ފެށޭ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވަނީ ގިނަ ދުވަސްތަކެއް ވެންދެން މާލެ ސަރަހައްދު ބަންދުކޮށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހު، ބަލި ޖެހޭ މީހުންގެ އަދަދު މަދުވުމާއި ގުޅިގެންނެވެ.