English Edition
Dhivehi Edition
ކްރިމިނަލް ކޯޓު ކައިރީގައި ބަޔަކު ހުއްޓިގެން

ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މެއްދަތަށް ކްރިމިނަލް ކޯޓު ރިސެސް އަށް ދިއުމަށް ނިންމައިފިއެވެ.

އެ ކޯޓުން ބުނީ އިއްޔެ އިން ފެށިގެން އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކްރިމިކަލް ކޯޓު ރިސެސް އަށް ދިއުމަށް ނިންމާފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނީ ކޮންމެހެން ބާއްވަންޖެހޭ ހާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނި ކަމަށެވެ. މީގެ އިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި ތަހުގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަައެވެ.

މީގެއިތުރުން މުރާޖައާކުރެވުނު ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ކްރިމިނަލް ކޯޓުގެ ގާޒީންނާއި، ލީގަލް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ބާއްވާ ޕްރޮގްރާމްތައް ރިސެސްގެ މުއްދަތުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މި މުއްދަތުގެ ތެރޭގައި ދިވެހިބަހުގެ އެކަޑަމީއާ ގުޅިގެން ކޯޓުގެ މުވައްޒަފުން ދިވެހި ބަަހަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ވެސް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެ އެވެ.