English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

އެޓޯލްސް އިންޝުއަރެންސް ކޮންސަލްޓަންސް ޕްރައިވެޓް ލިމިޓެޑްގެ ތިޖޫރި ފަޅާލައި ޑޮލަރުތަކެއް ވަގަށް ނެގި މީހާގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ދިއްގަރު، އަޒުމް، އަހުމަދު އަސްއަދު، 34 އަހަރެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ޖަހާފައިވަނީ 20 ދުވަހެވެ. އަދި ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން، ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ކަސްޓޯޑިއަލް ޖަލެއްގައި އިތުރު 20 ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ކޯޓުން ނެރުނު އަމުރުގައިވަނީ އޮފީހެއްގެ ތިޖޫރިއެއްގައި ހުރި ޑޮލަރުތަކެއް ވަގަށް ނަގާފައިވާކަމަށް އޭނާ އިއުތިރާފުވެފައިވާކަމަށެވެ. ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ، ހުއްދަނެތި ތަނަކަށް ވަނުން، މުދަލަށް ގެއްލުންދިނުން އަދި ވައްކަން ކުރުމެވެ. މިމައްސަލައާއި ގުޅިގެން އޭނާ ބުނެފައި ވަނީ ތިޖޫރީގައި ހަތަރު ބޮނޑިއެއްގައި ހުރި ޑޮލަރުތަކެއް ނެގިކަމަށާ އެހެންނަމަވެސް އެ ތިޖޫރީގައި ހުރި ދިވެހި ރުފިޔާ ނަގާފައި ނުވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަލައި ފާސްކުރި އިރު އަސްއަދު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެއްގެ އަތުން އެއްލައްކަ ހަހާސް ރުފިޔާ ހޯދާފައިވާކަމަށެވެ. އަދި އޭނާގެ ކޮއްކޮއެއްގެ އަތުން 36،000 ރުފިޔާ ހޯދާފައިވާ ކަމަށް ކޯޓު އަމުރުގައިވަނީ ބުނެފައެވެ. މީގެ އިތުރުން އަސްއަދު ކަސްޓޯޑިއަލް އަށް ފުލުހުންގެ ބަންދަށް ގެނެވުނު އިރު އޭނާ އަތުގައި މާރު ނުކުރެވި ހުރި ޑޮލަރު ކަސްޓޯޑިއަލްގައި ހުރި ފަރާތަށް ހަވާލުކޮށްފައިވާއިރު ކަސްޓޯޑިއަލްގައި ހުރި ކެމެރާތައް ބަލައިގެން ފުލުހުން ވަނީ އެކަން ކަށަވަރުކޮށްފައެވެ.

އަސްއަދު ކަސްޓޯޑިއަލްއިން ޑޮލަރު ހަވާލުކުރި ފަރާތުގެ އަތުން 7300 އެމެރިކާ ޑޮލަރު ހޯދަފައިވާއިރު މި ޑޮލަރުތަކަކީވެސް މި މައްސަލައިގައި ހިމެނޭ ޑޮލަރުތަކެއްކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ކޯޓު އަމުރުގައިވަނީ ބުނެފައެވެ.

އަސްއަދު އާ ދެކޮޅަށް ގިނަ ހެކި ހުށަހަޅާފައިވާއިރު ކޯޓު އަމުރުގައިވަނީ އެޓޮލްސް އިންޝުއަރެންސްގެ ސިޓީއަކާއި ތަހުގީގަށް ދިން ބަޔާނާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގެ އިތުރުން މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހަކު ދީފައިވާ ބަޔާންވެސް ހިމެނާފައެވެ.