English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އެވްރީވަން ލާރނިންގ ސެންޓަރުން ވަގަށް ނަގާފައިފާ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އައްޑޫސިޓީ ހިތަދޫ “އެވްރިވަން ލަރނިންގ ސެންޓަރ” އިން ވައްކަންކޮށްފައިވާ ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މި މަހު 24 ވަނަ ދުވަހު އިންޓެލިޖެންސާއި ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހިތަދޫގެ ދެ ގެ އެއް ބަލައި ފާސްކޮށް ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮމްޕިއުޓަރ ސިސްޓަމަކާއި އިލެކްޓްރޯނިކްސް ސަމާނު އެ ދެ ގެއިން ފެނިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލައިގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަވަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިހާރަކަށް އައިސް ވައްކަމުގެ މައްސަލަތައް މިވަނީ ރާއްޖޭގައި އިތުރުވެފައެވެ. އެގޮތުން ޖޫންމަހު 23 ވަނަ ދުވަހު ސިނަމާލެ ފްލެޓެއްގެ އެޕާރޓްމެންޓަކުން ވައްކަން ކުރި މައްސަލައަކާއި،ޖޫން 21 ވަނަ ދުވަހު ފްލޮރިޝް ފިހާރައަށް ގެއްލުންދީ އެފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ދެމީހަކު ހޯދުމަށް ފުލުހުން ވަނީ އާއްމުންގެ އެހީއަށް އެދިފައެވެ.