English Edition
Dhivehi Edition

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކޮށްފައި ވަނިކޮށް، މާލެ އާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން މިއަދުގެ ހުކުރު ނަމާދުކޮށްފިއެވެ.

މިއަދު ހުކުރު ކޮށްފައި ވަނީ މާލޭގައި ހުންނަ ފުރުގާން މިސްކިތާއި ހުޅުމާލޭގެ މަސްޖިދުލް އަލް އުމަރު ބިން އަލް ހައްތާބުގެ އިތުރުން ވެސް ގިނަ މިސްކިތްތަކުގައި ކޮށްފައިވާއިރު އެ މިސްކިތްތަކުގައި ކުރި ހުކުރު ނަމާދު ފުލުހުން ހުއްޓުވައިފައެއް ނުވެ އެވެ. މިއަދު މެންދުރު ނަމާދުގެ ބަންގި އަށް ފަހު، ހުކުރު ހުތުބާ ވެސް މިސްކިތްތަކުގައި ކިޔުމަށްފަހު، ހުކުރު ނަމާދު ކޮށްފައިވާއިރު މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީ އަދި ފުލުހުންގެ ބަހެއްވެސް ލިބިފައެއް ނުވެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވެ ފިޔަވަޅުތައް ހަރުކަށިކޮށްފައިވާއިރު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި ކޮވިޑް ކޭސްތައް މަދުވެ ޖިމްތަކާއި ކަސްރަތުކުރާ ތަންތަން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާއިރު މިސްކިތްތައް ހުޅުވުމުގެ ހުއްދަ ދީފައި ނުވާތީ ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިސްކިތްތައް ބަންދުކޮށް، ޖަމާއަތުގައި ނަމާދުނުކުރެވޭ ގޮތަށް ހަދާފައި އޮތްއޮތުމަށް ލުއިތަކެއް ދިނުމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައިވެސް ގޮވާލާފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުންވަނީ އިސްލާމިކް މިނިސްޓްރީއާއި އެޗްޕީއޭ އަށް ވެސް އަމާޒުވެފައެވެ.