English Edition
Dhivehi Edition
އިސްރަށްވެއްސެއް ފޮޓޯ ދައުލަތުގެ މީޑިއާ

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. މިގޮތުން އިސްރަށްވެހިންގެ ނާދީގައި ކޮންމެ މަހަކު ދީނީ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ މަގުފަހިވެފައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްރަށްވެހިންގެ ނާދީއަކީ އުމުރުން 55 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ ޚާއްޞަ މަރުކަޒެކެވެ. އެ ތަނުގައި އިސްރަށްވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އިސްކަންދީ، ހިތްހަމަޖެހިލައިގެން ވަގުތު ހޭދަކުރެވޭނެ ގޮތަށް ވަނީ ބައްޓަންކުރެވިފައެވެ.

މި ދެ އިދާރާގެ މެދުގައި ވަނީ މަޝްވަރާކުރައްވާ، އިސްރަށްވެހިންގެ މެދުގައި ކުރިއަށްގެންދާނެ ދީނީ ޙަރަކާތްތަކާމެދު ވާހަކަ ދެކެވިފައެވެ. މިގޮތުން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ “ރިސާލަތު” ޕްރޮގްރާމާއި، ސުވާލާއި ޖަވާބު ސެޝަންތަކާއި، ދީނީ ކުއިޒް މުބާރާތްތަކާއި، ޤުރްއާން މުބާރާތްތައް ފަދަ ގިނަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

މި ދެ އިދާރާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތަކީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ރޫޙާނީ ގޮތުން މުއްސަނދި މާހައުލެއް ގާއިމުކުރުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއީ މުޖުތަމަޢުގެ އެއްވެސް ފަރާތަކަށް ބާކީވުމެއް ނެތި، ހުރިހާ ބަޔަކަށް ހަމަހަމަ ފުރުޞަތު ލިބިދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެއްކަމުގައި ވެސް އިސްލާމިލް މިނިސްޓްރީން ބުނެއެވެ.