English Edition
Dhivehi Edition

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މިދިޔަ ފެބްރުއަރީމަހު މަސްތުވާތެކެތީގެ މައްސަލައިގައި ހައްޔަރުކުރި ޕެސްޓުގެ މައްޗަށް ވަނީ ފަސް ދައުވާއެއް އުފުލާފައެވެ. ޕެސްޓްއަށް ދައުވާ އުފުލުމަށްފަހު ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ބަންދަށް ދިހަ ދުވަސްވަނީ ޖަހާފައެވެ.

ޕެސްޓުގެ ބަންދުގެ މުއްދަތަށްޖެހި ދިހަ ދުވަސް ހަމަވެ މިއަދު ބޭއްވި ޝަރީއަތުގައި އޭނާގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ސީސީޓީވީ ފުޓޭޖަކާއި އެނާލިސިސް ރިޕޯޓްތައްވަނީ ހުށަހަޅާފައެވެ. މި ހެކިތަކަށް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތް ނިމެންދެން ފެސްޓު ބަންދު ކުރުމަށް ބޭނުންވާ ވަރަށް ދައުލަތުގެ ފަރާތުން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

މި މައްސަލައާއި ގުޅިގެން ޕެސްޓްގެ އިތުރުން ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، ހުޅުމާލެއިން ހައްޔަރުކުރި މި މީހުންގެ އަތުން 2.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެކެތި ފެނިފައިވާކަމަށް ފުލުހުން އޭރުވަނީ ބުނެފައެވެ.

2011 ވަނަ އަހަރު ޕެސްޓް ކިޔާފައިވާ ‘ރީތި ކުދިން ފެނި’ މި ލަވައިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕެސްޓް އަކީ ސިމްބޮލިކް ރެކޯޑްސްގެ އެންމެ މުހިއްމު އެއް ފަންނާނެވެ. އަދި އަމިއްލަ ރާގުގެ ލަވަތާކާއެކު ދިވެހި ލަވަތަކަށް ބޮޑު އިންގިލާބެއް ގެނުވާފައިވާ ފަންނާނެކެވެ.