English Edition
Dhivehi Edition

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުއްޓަސް ބިދޭސީ މީހުން ފްލޫ ކްލިނިކަށް ނުދައްކާކަމަށް ގދ. އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓް ވިދާޅުވެއްޖެއެވެ.

ގދ. އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓް އަދި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓްގައި މަސައްކަތް ކުރައްވާ ޝަހުޒާ ހުސައިން މިހެން ވިދާޅުވީ، ގދ. ތިނަދޫގެ ކޮވިޑް-19ގެ މިވަގުތުގެ ހާލަތާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް މިރޭ ބޭއްވި ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަހުޒާ ވިދާޅުވީ، މިގޮތަށް މެދުވެރިވާން ދިމާވާ ސަބަބެއް ކަމުގައި ބެލެވެނީ އެ ބޭފުޅުންނަށް އާސަންދައިގެ ހިދުމަތް ނުލިބުމާއި މާލީ ހާލަތު ހުންނަގޮތުން ކަމަށްވެސް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް ބިދޭސީން ގެންގުޅޭ ފަރާތްތަކުން ބިދޭސީއެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ފްލޫ ކްލިނިކަށް ދައްކައިގެން ބައްޔަށް ޓެސްޓްކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށްވެސް ޝަހުޒާ ވަނީ އެދިލައްވާފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝަހުޒާ ވިދާޅުވީ މިހާތަނަށް ތިނަދޫގައި އެއްފަހަރު ކޮވިޑް ބަލި ޖެހުނު ބޭފުޅަކަށް ދެ ވަނަ ފަހަރަށް ބަލި ޖެހިފައި ނުވާކަމަށެވެ.

ގދ. ތިނަދޫގައި ހޮސްޕިޓަލް އިމާރާތާއި ވަކިން، ފްލޫ ކްލިނިކްގެ ޚިދުމަތް އޮފީސް އިމާރާތުގައި ދިނުމަށް ހަމަޖެހިފައިވާކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.