English Edition
Dhivehi Edition

ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް އިސްލާޙް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން ގއ.އަތޮޅު ކައުންސިލުން މިއަދު ނޫސް ބަޔާނެއް ނެރެފިއެވެ.

މި ނޫސްބަޔާނުގައި، ގއ އަތޮޅު ކައުންސިލުގެ 10 މެމްބަރަކު ސޮއިކޮށްފައި ވެއެވެ. މި ނޫސްބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި، ޤާނޫނުލް އުގޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް،(124 ވަނަ މާއްދާގެ ގޮތުގައި) އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިޞްލާހަކީ ހުވަދުއަތޮޅު އުތުރުބުރިއަށް ނިސްބަތްވާ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވާ ކަންތަކެއް އެކުލެވިފައިވާ އިޞްލާހެއްކަން އެ ކައުންސިލަށް ފާހަގަވާކަމެވެ. ޤާނޫނުލް އުގޫބާތަށް ހުށައަޅައިފައިވާ މި އިޞްލާހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަޞާސީގެ 27ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްލާމް ދީނުގެ އަޞްލަކާއި ޚިލާފު ނުވާނެ ގޮތުގެ މަތިން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެން ހިނގައިދާނެ އިޞްލާހަކަށް ވެދާނެ ކަމަށް އެކައުންސިލަށް ގަބޫލުކުރެވޭ ކަމެކެވެ.

ދިވެހި ރާއްޖެއަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުލިބި ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ގައުމަކަށް ވެފައި، އިސްލާމް ދީނުގައި މުންކަރާތްތައް ނަހީކުރުމަށް އަންގަވާފައިވާ މަތިވެރި އެންގެވުމަށް މިބިލުގެ ސަބަބުން ހުރަސްއެޅި ދީނީ ޢިލްމުވެރިންނަށް ގޮންޖެހުންތައް ކުރިމަތިވެ ދީނީ ނަޞޭހަތް ދިނުމަށް އިލްމުވެރިން ކުރަމުންދާ މަސައްކަތަށް މިބިލުގެ ސަބަބުން ހުރަސްއެޅިގެންދާނެކަން ފާހަގަ ކުރެވޭކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

ވީމާ ރާއްޖެ ކަހަލަ މިނިވަން މުސްތަގިއްލު ގައުމެއްގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި،މުންކަރާތްތައް ނަހީކޮށް ދީނީ ނަސޭޙަތް ދިނުމުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް “ނަފުރަތުގެ އަމަލުތައް ހުށްޓުވުމުގެ” ނަމުގައި ސަރުކާރުން ހުށައަޅާ ބިލަށް ރައްޔިތުން އެދޭ ގޮތަށް ބަދަލު ގެނައުމަށް ހުވަދުއަތޮޅު އުތުރުބުރީގެ ގިނަ ރައްޔިތުން އެދޭތީ އެބަދަލު ގެނައުމަށް ގޮވާލަމެވެ. އަދި މިހާރު ބިލު އޮތްގޮތަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ތާއީދު ނުކުރުމަށާއި، ރައްޔިތުންގެ މަޖިލީހުގައި އެ އަތޮޅު ތަމްސީލުކުރައްވާ އިއްޒަތްތެރި މެމްބަރުންވެސް މިބިލަށް ތާއީދު ނުކުރުމަށް ކައިންސިލުން އެދޭކަމަށް ވެއެވެ.