English Edition
Dhivehi Edition

އަލްމަރްޙޫމް ނައިފަރު ދޮހޮއްކޮބެއަކީ ދިވެހިރާއްޖޭގައި އުފެދުނު ލެޖެންޑް އެކޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. ލަވަ އާއި މިއުޒިކް ހެދުމުގައި ހުނަރުވެރި ފަންނީ ދޮހޮއްކޮބެއަކީ ޅ. ނައިފަރަށް އުފަން ނައިފަރު ދަރިއެކެވެ. ގިނަ ބަޔަކަށް އަސްލު ނަން ނޭނގޭ މިންވަރަށް ވަނަމުން މަޝްހޫރު ވެފައިވާ ދޮހޮއްކޮބެގެ އަސްލު ނަމަކީ އަބްދު الله މޫސާއެވެ. އަސްލު ނަމަށް ވުރެ ވަނަމަކުން ރާއްޖޭގައި ފިޔަޖަހާލައި ގޮސްފައިވާ ދޮހޮއްކޮބެ ނަމަކީ ޔަގީނުންވެސް ދިވެހީންނާއި ދޮހޮއްކޮބެ ބާއްވާފައިވައި ގާތް ގުޅުމާއި ލޯބި ރަމްޒު ކޮށްދޭ ކަމެކެވެ.

ޅައިރުއްސުރެ ލަވަ ލިޔުމާއި އަމިއްލަ ރާގުތައް ހެދުމަށް ޝައުޤުވެރިކަން އޮތް ދޮހޮއްކޮބެ ލަވަ ހަދައި ލަވަ ކިޔާލާ ދޫކޮށްލާފައިވަނީ އިބްރަތުން ފުރިގެންދާ އެތައް ވާހަކަ ތަކަކާއި އެކުއެވެ. ދޮހޮއްކޮބެގެ ލަވަތައް އަޑުއަހާލާ ހަދާ މީހެއްގެ ހައިސިއްޔަތުން ލަވަތައް އަޑުއަހާލަމުން ދިޔައިރު އަޑުއިވި އެލަވަ އަކަށް ހާއްސަ ނަޒަރެއް ހުއްޓުނު ލަވައަކީ ހިތަށް ކުޅަދާނަ މިންވަރަކަށް ކަންތައްތައް ކުރަން ލޯބިގޮތަކަށް ދީފައިވާ ނަސޭހަތުގެ ލަވައަކަށެވެ.

ލަވައިގެ ފެށުންވެސް އެހާ މާނަ ފުނެވެ. އެދޭނަމަ ލޯބިވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކަށް ބުނެ ލަވަ ފަށާފައި ވެއެވެ. ތެދެކެވެ! ހިތަށް ކުޅަދާނަ މިންވަރަށް ވުރެ ބޮޑަށް މީހާ ލޯބިވެގެން ގޮސްފިނަމަ މީހާ އެލޯތްބަކާއި ހެދީ ހަލާކުވެ ދިޔަޔަސް ނޭނގޭނެއެވެ. ލޯބި ވުމަކީ ތިމާ ލޯބިވާ ބައެއްގެ އައިބުތައް ނުފެންނަ ވަރަށް ލޯބިވުމެއްވެސް ނޫނެވެ. ލޯބިވުމަކީ އަޅުވެތިވާ ވަރަށް ކިޔަމަން ވުމެއްވެސް ނޫނެވެ. ލޯބިވުމަކީ ތިމާގެ ކިތަންމެ ގާތް މީހެއްވިޔަސް ގޯސް ކަމެއް ކުރާނަމަ އިސްލާހު ކުރަން މަސައްކަތް ކުރެވޭ ވަރަށް ލޯބިވުމެވެ. ތައުރީފް ކުރުމާއި ޚުޝާމަދު ކުރުމަކީ އެންމެންވެސް އެދޭނެ ކަމެކެވެ. އުފާވާނެ ކަމެކެވެ. ނަމަވެސް ތިމާ ކައިރީ ހުޝާމަދުކޮށް ގޮސް މަކަރުވެރިއަކަށް ދެން ހުންނަ މީހާ ވުމަކީ ލޯބިވުމެއްވެސް ނޫން ކަން ދަންނަންވެސް ޖެހެެއެވެ. ދެން ކިޔާލައިފައިވަނީވެސް އެހާ މާނަ ފުން ކަނޑިއެކެވެ. އަދާވަތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކަށް ކަމަށެވެ. ތެދެކެވެ! މީހެއް ދެކެ ތިމާ ހިތްހަމަ ނުޖެހި އެމީހަކީ ތިމާ އަދާވަތްތެރި އަކަށް ހަދައިފިނަމަ އެމީހާ ކުރާ ކަންތައްތަކަށް ފާރަވެސް ލެވޭނެއެވެ. ހަމަޖެހުމެއް ނެތެވެ. އެމީހާ އަށް އަނިޔާވެރި ވެވޭނެ ގޮތެއްވެސް ހޯދޭނެއެވެ. އެމީހާ ކިތަންމެ ރަނގަޅު ކަމެއް ކޮށްދިނަސް ނުފެންނަހާ ހިތްނުބައި ކުރެވޭނެއެވެ. ހަމަޖެހުމެއް އެބައޮތް ހެއްޔެވެ. ނެތެވެ. އަދާވަތްތެރިކަން އިންތިހާއަށް ގޮސް ތިމާގައިގަ ނެތް މިޒާޖު ތިމާގެ ހަށިގަނޑު ކޮންޓްރޯލް ކުރަން ފެށުމުގެ ކުރިން މިނަސޭހަތުގައިވެސް ހިފާލަން ހިނގާށެވެ.

ތަޤްދީރަކީ އެއްވެސް މީހަކަށް އެނގޭނެ އެއްޗެއް ނޫނެވެ. ތިބާގެ ހަޔާތް ބަދަލުވާނީ ކޮން ވަގުތަކު ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ނިކަމެތި ހާލުގައި އުޅޭ މީހުންނަކީ އަބަދަކު ނިކަމެތިން ގޮތުގައި އުޅޭނެ ބައެެއް ނޫންކަން ސިފަކޮށްދީ މުދާ މަދު ފަގީރުންވެސް ވެޔޭ ފައިސާވެރިންނަށްވެސް ބުނެ ލަވައިގެ ކަނޑި ދޮހޮއްކޮބެ ކިޔާލައިފައިވަނީ ނިކަމެތި ހާލުގައި ދިރިއުޅޭ ބަޔަކަށް އުންމީދު ގެނުވާ ގޮތަކަށެވެ. އެކުވެރި ކަމަކީ ގަދަ ފަދަ ބާރެކޭ ބުނެއެވެ. އެކަމު އެބާރު ކެނޑިދާތަން ފެންނަނީވެސް މަދެއް ކޮށް ނޫނެވެ. ތިމާ އަށް ނުލިބޭ އުފަލެއް ރަޙްމަތްތެރިޔާއަށް، ގާތްތިމާގެ މީހާއަށް ލިބޭތީ އެކަމައި ސިއްރުން ހިތުގައި ހަސަދައިގެ ހުޅު ރޯކޮށްގެން އުޅޭ މީހުންވެސް އުޅެއެވެ. ޒަމާންތަކަކަށް ރަޙްމަތްތެރިކަން އޮތަސް، ކުޑައިރުން ފެށިގެން އާއިލާ އާއި އެކު ދިރިއުޅުނަސް އެގުޅުން ހަސަދައާއި އެކު ކެނޑި ދާތަން މީ ފެންނަ މަންޒަރެވެ. ކޮންފަދަ ތެދު ހަޤީޤަތެއް ބާއޭ ހީވެ އަހާލަން އިނދެވުނީ ވެދާނޭ އެންމެ ގާތް މީހުން ނުރައްކާތެރި ދުޝްމިނުންނަށްވެސް މިކަނޑިއެވެ.

ކޮންމެ މައެއް އަދި ބަފައެއްވެސް ދަރިން ބޮޑެތި ކުރަނީ އުންމީދު ތަކަކާއި އެކުއެވެ. ޤުރުބާން ތަކެއްވެ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ދަރިންނަށް ވިސްނައި ދަރިން ބޮޑު ކުރާ މައިންބަފައިން ގިނައެވެ. ނަމަވެސް ދަރިން ބޮޑެތިވެ އަމިއްލަ ފައިމައްޗަށް ތެދުވެވުމުން މައިންބަފައިންނަށް އަޅާނުލާ ދަނީ ކިތައް ދަރިން ހެއްޔެވެ. ހަމަ އެގޮތަށް ކައިވެންޏަކީވެސް ފޮނި އުންމީދު ތަކަކާއި އެކު ދިރިއުޅުން އެއް މިސްރާބަކުން ކުރިއަށް ގެންދަން ފަށާ ފޮނި ދަތުރެކެވެ. ކައިވެނި ކޮށްގެން 13 އަހަރު، 20 އަހަރު ދެމެހެއްޓޭނީ ޤުރުބާން ތަކެއް ވެގެންނެވެ. ނަމަވެސް ގިނަ ފަހަރު ތިންވަނަ މީހެއްގެ ހިޔަނި އެޅި އެކައިވެނި ރޫޅޭ ހިސާބަށްވެސް ދެއެވެ. ވީ ގުރުބާނީ އެއް ވީ ލޯތްބެއް ހަނދާން ނެތޭ ހާލުއެވެ. އެއްވެސް މީހަކީ އެކަނި އުޅެވޭނެ މީހެެއް ނޫން ކަން ޔަޤީނެވެ. މަދަދަށް ނޭދުނަސް ހާލަތު އެގި އެހީވެދިން މީހެއްގެ ސަބަބުން ބިނާވެގެން ކުރިއަރައިން ގޮސްފައިވާ އެތައް ބަޔަކު ދެކެފީފުއެވެ. ނަމަވެސް ކުރިއަރައި ދިޔުމުން އެމަަދަދު ވެރިވީ ފަރާތް ހަނދާން ނައްތާލި ކިތައް މީހުން އެބައުޅޭހެއްޔެވެ. އާއެކެވެ! ދޮހޮއްކޮބެގެ އެލަވައިގައި ބުނީ ތެދެކެވެ. ރަނގަޅު ގެރި ބަކަރިވެސް އެއަށް ކާންދީ އުޅޭ މީހުން ދަންނަވާހަކައެވެ. ނަމަވެސް الله ސުބްޙާނަހޫ ވަތައާލާ ހިއްސުތައް ދެއްވާ އެންމެ މާތް ހަލްޤުން ގޮތުގައި އުފެއްދެވި އިންސީން ތެރޭ ކާންދީ އެހީވެ، ތިމާއަށްޓަކައި ޤުރުބާންވި މީހުން ހަދާން ނެތިފަ ތިބި މީހުން މަދެއް ނޫނެވެ. ހިތާމަހުރި ކަމެކެވެ!

ކުރި އަރައި ދިޔުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ތިމާ ހިތްއެދޭ ދާއިރާ އަކުންނެވެ. އެއްގޮތުން ނޫނީ އަނެއް ގޮތުން ބަލައި މީހާ ކުރިއަރައިދެވޭނެ މަގު ފަހި ވެދާނެއެވެ. ނަމަވެސް ތިމާގެ އަޙްލާޤެއް ނެތްނަމަ ތިމާ އަކީ ތިމާ އުޅޭ މުޖުތަމައުގެ މީހުން ތިމާ މޫނު މައްޗަށް ބަލާ ހީލިޔަސް މަލާމަތް ލިބޭނެ މީހެކެވެ. ދޮހޮއްކޮބެ ބުނީ ރަނގަޅަށެވެ. އިޙްލާސް ތެރިއެއް ނަމަ މަލާމާތަކީ ވަރަށް ނުލިބޭނެ އެއްޗެކެވެ. އަދި ސަލާމަތް ވެވެން އޮތީ ހަމަ ރީތި އަޙްލާގެއްގެ ނިސްބަތަކުންނެވެ. މިރިނުވެ ގޮބޮޅި ކާށި ވެގެން އުޅޭނަމަ ހަލާކުވެގެން ހިނގައިދާނެއެވެ.

މިދުނިޔެ އަކީ ދާއިމީ ތަނެއް ނޫނެވެ. ވަގުތީ މަންޒިލެކެވެ. ވިދާހާ އެއްޗަކީ ރަނެކޭ ހީވެ އެއެއްޗެއް ފަހަތުން ދުވަނީ ޢާފިލް ކަންމަތީ މާދަމާ ވެސް ދުނިޔޭގައި ހުންނާނެ ކަމުގެ ޔަޤީންކަމާއި އެކުއެވެ. ހިތު ހުރި ގޮތަކަށެވެ. ހަޤީޤީ ދިރިއުޅުން ކޮބާ ހެއްޔެވެ؟ އާއެކެވެ! ވިސްނޭ މީހަކަށް އެނގޭނެއެވެ. ފިނިފެންމަލުގެ ތަންމައްޗެއް ސިފައިގައި މިދުނިޔެ ފެނުނަސް ދޮހޮއްކޮބެ ބުނިހެން ހަނދާންކޮށްލަން ޖެހޭ ހަޤީޤަތަކީ ދުނިޔޭގެ ދަތި ކަމަކީ ކޮންމެ މަންޒަރެއްގައިވެސް އޮންނާނެ އެއްޗެކެވެ. ނިދާނެ އެނދެއް ވިދާ ހެދުމެއް އެ ކައްވަޅަކަށް ނުގެންދެވެއެވެ. ސަލާމަތްވެވެން އޮތީ ތިމާގެ ގައި ހުރި ރީތި އަޚުލާޤެއްގެ ސަބަބުންނެވެ. އަޅުކަން ކޮށްގެންނެވެ. ކަންކަމާއި ކެތްތެރިވެގެންނެވެ. އިޚްލާސްތެރިވެގެންނެވެ. ތެދުވެރިވެގެންނެވެ. އޯގާތެރިވެގެންނެވެ. ހިތްހެޔޮ ކަމާއި އެކު ދީލަތި ވެގެންނެވެ. އެހެން މީހުން ކޮށްދޭ ކަންތައްތައް ހެޔޮހިތުން ބަލައިގަނެގެންނެވެ. ވިސްނާށެވެ! ވިސްނަމާ ހިނގާށެވެ! މާނަފުން ޅެމަކުން އަލްމަރްޙޫމް ދޮހޮއްކޮބެ އެދިނީ އިބްރަތުން ފުރިގެންވާ ނަސޭހަތެކެވެ.

“އެދޭނަމަ ލޯބިވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން،

އަދާވަތްތެރިވިޔަސް ވާންވީ ހިތައް ކުޅަދާނަ މިންވަރަކުން”

https://youtu.be/-EYw_mQCFYc

ދުޢާ އަކީ އަލްމަރްޙޫމް ދޮހޮއްކޮބޭގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާޢިމީ ނިއުމަތް ދެއްވުމެވެ.