English Edition
Dhivehi Edition

މާފުށީ ޖަލުގައި އައްޑޫސިޓީ ހުޅުދޫ އަށް ނިސްބަތްވާ ޒުވާނަކަށް އަނިޔާ ލިބެމުން އަންނަ ކަމަށް ދެކެވޭ ވާހަކަތަކާއެކު, އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިދޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗް.އާރު.ސީ.އެމް) އިން ބުނެފައިވާކަމަށް އެޒުވާނާގެ އާއިލާއިން ބުނެފިއެވެ.

މާފުށި ޖަލުގައި އޮތް އުމުރުން 28 އަހަރުގެ، ސ.ހުޅުދޫ ސީވޭވް މުހައްމަދު ސަމީނަށް ޖަލުގައި އަނިޔާ ކުރާ ކަމަށް އާއިލާގެ ފަރާތުން ވަނީ ތުހުމަތު ކޮށްފައެވެ. އެ ޒުވާނާ 25 އަހަރަށް ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެންނެވެ.

އާއިލާއިން ބުނީ އެޗް.އެމް.އާރު.ސީ އިން ވަރަށް އަވަހަށް ވީޑިއޯކޯލް އަކުން ސަމީނާ ގުޅާލަދޭނެ ކަމަށާއި އޭނަގެ ހާލަތު އަންގާލަދޭނެކަމަށް ބުނެފައިވާކަމަށެވެ.

ޒުވާނާގެ ހާލަތު ކިޔައިދެމުން އޭނާގެ މަންމަ “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، 2015 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ދަރިފުޅު ޖަލަށްލީ އިރުވެސް އެ ދަރިފުޅަކީ ނަފްސާނީ މައްސަލަ ހުއްނަ ކުއްޖެއް ކަމަށެވެ. ޖަލަށް ލީފަހުން ހަބަރުވީ ނަމަވެސް މިހާރު އޭނަގެ ހަބަރެއް ނުވާތާ 2 އަހަރުވެދާނެކަމަށް މަންމަ ބުންޏެވެ. ޖަލުން އާއިލާ އާއި ގުޅައިދޭ ގަވައިދުގެ ދަށުން ސަމީނާ، މީގެ ދެއަހަރު ކުރިން ވާހަކަ ދެއްކުނު ނަމަވެސް ފަހުން ހަބަރުނުވެގެން ކަރެކްޝަނަލް ސާވިސް އާ އެވާހަކަ ހިއްސާކުރުމުން ބުނަނީ ސަމީނު އާއިލާ އާއި ވާހަކަ ދައްކަން ބޭނުން ނުވާތީ އޭނަގެ ހަބަރުނުވަނީ ކަމަށެވެ. މި ވާހަކަ ދޮގު ކުރަމުން ސަމީނުގެ މަންމަ ބުނީ، ޖަލުގައި އުޅޭ އޭނަގެ ޢާއިލާ މީހަކުވެސް ސަމީނު ޖަލުގައި އުޅޭ ހާލަތު ވަރަށް ރަނގަޅަށް އެމީހުންނަށް ކިޔައިދީފައިވާ ކަމަށެވެ.

” ސަމީނު ނަފްސާނީ މައްސަލަ ހުރުމުން އަމިއްލަ ހަށިގަނޑަށް ގެއްލުންދޭން އުޅޭކަމަށްބުނެ، ވަކިން ގޮޅިއެއްގައި އެކަނި ބާއްވާފައި އޭނަ ހަޅޭއްލެވުމުން ޖަލު ބަލަހައްޓާމީހުން އޭނާ ނެރެގެން ގޮސް އަނިޔާ ކުރޭ. ކާންދޭން އުޅުމުން އޭނައަށް ނުކެވޭތީ ފާން ފޮއްޗަކާ ކިރުޕެކެޓެއް އެކަނި ދޭކަމަށްވަނީ. ސަމީނު ފެން ނުވަރާ ކަމަށްބުނެ އޭނަގެ ގަޔަށް ކިރުޕެކެޓްވެސް އަޅާކަމަށްވަނީ. އަދި ސަމީނުގެ ހާލު ބޮޑުވުމުން ގެންގޮސް އައިވީ އަޅާފައި އަނބުރާ ޖަލު ގޮޅިއަށް ލާ. ދެން މިހެން ބޭރަށް ނެރޭ އިރުވެސް ގައިގައި އޮޅާފައި އޮންނަނީ ހަމައެކަނި ފޮތިގަނޑެއް ކަމަށް އެމަންޒަރު ދުށް އެހެން ގައިދީން ބުނެފައިވޭ. އަދި އޭނާ ހިކި އަނަރޫފަވެ އިތުރަށް ފަރުވާ ނުލިބިއްޖެ ނަމަ މަރުވެދާނެ ކަމަށްވެސް އެނާ އުޅޭ ހާލަތު ލޮލުން ފެންނަ ގައިދީން އާއިލާ އަށް ކިޔައިދީފައިވޭ.” ސަމީނުގެ މަންމަ އަސަރާއެކު ކިޔައިދިނެވެ.

އާއިލާއިން ބުނާގޮތުގައި ސަމީނުގެ މައްސަލަ ނިމިފައި އޮތްގޮތަށް ބަލާއިރު އޭނަގެ މައްޗަށް އެކުށް ސާބިތެއްވެސް ނުވެއެވެ. ސަމީނު ބަލި މީހަކު އުމުރަށް ޖަލަށްލައި ކުރަމުން ގެންދާ އަނިޔާ ހުއްޓާލައި ބޭސްފަރުވާ އަށް އާއިލާ އާއި ހަވާލުކޮށްދިނުމަށް މިވަގުތު އެދޭކަމަށް ބުނެ ސަމީނުގެ އާއިލާ އިން ދަނީ ކަމާބެހޭ މުއައްސަސާތަކުގައި ހުއްޓައިނުލާ އެދެމުންނެވެ.

މި މައްސަލައާއި ގުޅިގެން “ވަގުތު ނޫހަށް” ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވެފައިވަނީ އެޒުވާނާއަށް އަނިޔާ ކުރަމުން އަންނަ ވާހަކައަކީ ދޮގެއް ކަމަށާއި ތުހުމަތު ކުރާ ލާއިންސާނީ އެއްވެސް އަމަލެއް ނުހިންގާ ކަމަށާއި ހިނގަމުން ވެސް ނުދާ ކަމަށެވެ. އަދި އެޗްއާރުސީއެމް ފަދަ ތަންތަނުން ޖަލުގެ ހާލަތާއި ގައިދީންގެ ހާލަތު ކައިރިން ބަލާ ކަމަށާއި އެހެން ކަމުން އެފަދަ ކަމެއް ހިނގަންޏާ އެކަން ނޭނގި ނުދާނެ ކަމަށެވެ.

 

1 ކޮމެންޓް
Isse
ޖޫން 20, 2021
Reethi vegen tha jalah laafa othy namaadah huttaa nooneh nun 25 aharah laafa e othy