English Edition
Dhivehi Edition
ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 12 ވަނަ ދުވަހުކަމަށް. އެމީހާ ރާއްޖެއަށް އައީ ޤަތަރުގެ ދޯހާއިންނެވެ. އެ ތަކެތި އަތުލައިގަތީ ރާއްޖެއައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

އަދި ބަލާފާސްކުރުމުގެ ތެރޭގައި އެ ފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 5.30 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ފަސް މިލިއަން ތިން ލައްކަ ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައެވެ.