ކޮރަޕްޝަނު ތުހުމަތުކޮށް، ފެނަކަ ކުންފުންޏަށާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއާ ގުޅޭ ގޮތުން މީސްމީޑިއާގައި ދޮގު ހަބަރު ފަތުރާ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ފެނަކައިގެ ޑިރެކްޓަރު މުހައްމަދު އަރިފް ސޮއިކުރައްވާ ފުލުހަށް ފޮނުވާފައިވާ ސިޓީގައި ވަނީ ހިޔާލު ފާޅުކުރުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ގާނޫނީ ނިޒާމުގެ ތެރޭގައި ލިބިދީފައި އޮންނަ އޮތުމަކީ، އާންމު ފަރުދުންނާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް ހިންގަން ތިބި އިސް ފަރާތްތަކުގެ އަބުރު ކަތިލައި އަގު ވެއްޓޭގޮތަށް އަމަލު ކުރުމަށް އެއްވެސް ރައްޔިތަކަށް ލިބިދީފައިވާ އިހްތިޔާރީ ހައްގެއް ނޫންކަމުގައި ދެކޭ ކަމަށެވެ.
އަދި “އެމްވީ ކްރައިސިސް” އިން ފަތުރާ ހަބަރުތަކުގެ ސަބަބުން ކުންފުނީގެ ގަދަރާއި ކަރާމާތައް ނުހަނު ބޮޑު ގެއްލުމެއް ލިބެމުންދާކަން ފާހަގަކޮށް އެ ސިޓީގައި ވަނީ އެފަދަ ކަންކަމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގެ އިންތަކާއި އުސޫލުތަކުން ބޭރުން ކުރެވޭ ކަންކަން ކަމުގައި އެ ކުންފުނިން ދެކޭ ކަމަށެވެ.
އިތުރަށް ސިޓީ ގައި ބުނެފައިވަނީ އާއްމު ރައްޔިތުންގެ މެދުގައި އެ ކުންފުންޏާ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ފިތުނަ ފަސާދައަށް ޖާގަދެވި އާންމު މުޖުތަމައުގެ މަސަލްހަތަށް ބުރޫއަރާ ހިސާބަށް އެކަން ގޮސްފައިވާތީވެ ފުލުހުންގެ ސަމާލުކަމަށް ގެންނަކަމަށެވެ. އަދި ވީހާވެސް އަވަހަށް އެ މައްސަލަ ބަލައި އެކަމުގައި ޝަމިލްވާ ފަރާތްތަކަށް ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ދިނުމަށް އެ ކުންފުނިންވަނީ ފުލުހުންގެ ފަރާތުން އެދިފައެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުން އަންނައިރު އެންމެ ފަހުން ފެންމަތިވި މައްސަލަ އަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހޮޅިތަކެއް ހޯދި މައްސަލައެކެވެ. ފުވައްމުލަކުގައި ޕްރޮޖެކްޓެއް ގެންދަން ހައުސިން މިނިސްޓްރީއަށް އަނބުރާ ދޭގޮތަށް ފެނަކައިން 500 ހޮޅި ހޯދާފައިވާއިރު އަބުރާ ހައުސިން މިނިސްޓްރީއަށް ހޮޅިތައް ދިނުމަށް، ކޮރަޕްޝަންގެ އަމަލު ހިންގިކަމުގެ ތުހުމަތުވަނީ ކޮށްފައެވެ.