އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ފެނަކައިން އަޅަން ނިންމާފައިވާ އާ އިންޖީނުގެއަށް އިތުރަށް ބޭނުންވާ ބިން ހަމަޖެއްސުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު އެ ކުންފުނިން މަޝްވަރާތައް ފަށައިފި އެވެ.
ފެނަކައިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އަދި ކުންފުނީގެ އިސްވެރިން، އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި، އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރުމުގެ އިތުރުން އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ވެސް ފެނަކައިން ވިދާޅުވެއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އޭޕްރީލް މަހު ފެނަކައިން ވަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ)އާ އެކު އެއްބަސްވުމެއްގައި ސޮއިިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން 30 މެގަވޮޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު، ޕަވާޕްލާންޓެއް ނުވަތަ އިތުރު އިންޖީނުގެއެއް އަޅާނެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަމުން ކަރަންޓު ކެނޑޭ މައްސަލަ އަދިވެސް ވަރަށް ބޮޑެވެ. އައްޑޫ ސިޓީ މޭޔަރު ނިޒާރު ވިދާޅުވެފައިވާ ގޮތުގައި އައްޑޫގައި ކަރަންޓުގެ މައްސަލަ ދިމާވަނީ ކޭބަލްތަކަށް ގެއްލުންވެފައިވާތީ ކަމަށެވެ. އައްޑޫގެ އެކި ސަރަހައްދުތަކުގައި ބުރަކޮށް ފުޅާ ދާއިރާއެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ކޭބަލްތަކަށް ގެއްލުން ލިބޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ގިނަ ފަހަރު ކޭބަލަށް ލިބޭ ގެއްލުން ވަގުތުން ފާހަގަނުކުރެވޭ ކަމަށާއި ފާހަގަކުރެވެނީ ފަހުން ކަމަށް ވިދާޅުވިއެވެ.