އެމެރިކާގެ އުމުރުން 32 އަހަރުގެ ޓިފަނީ ނަމަކަށް ކިޔާ އަންހެނަކު ޑްރަގް އޯވަރޑޯޒްވެގެން މަރުވުމުން އޭނާގެ 15މަހުގެ ފިރިހެންދަރިފުޅަށް ކާންނުލިބި އޮވެ، އެދަރިފުޅު ވެސް މަރުވެއްޖެއެވެ.
މެއިލް އޮންލައިންގައި ރިޕޯރޓްކޮށްފައިވާ ގޮތުން، ޓިފަނީ ޑްރަގް އޯވަރޑޯޒްވެގެން މަރުވެފައި ގޭގައި އޮންނަތާ ދުވަސްތަކެއް ވެދާނެއެވެ.
މި ހާދިސަ ތަހުގީގު ކުރާ ފުލުހުން ބުނީ، ޓިފަނީ މަރުވެފައިވާކަން ފުލުހުންނަށް އެނގުނީ ޕްރޮބޭޝަނ އޮފިސަރ އަކު ޓިފަނީގެ ހާލުބަލާލަން އެގެއަށް ގޮސް ދޮރުގައި ތަޅުލާފައި ހުރުމުން ކުޑަދޮރުން ބެލިި އިރު ޓިފަނީ ބިންމައްޗަށް ވެއްޓިފައި އޮތްމަންޒަރު ފެނިގެން ކަމާބެހޭ ފަރާތަށް އެނަގުމުންނެވެ. ފުލުހުން ބުނީ ޓިފަނީ މަރުވެފައި އޮންނަތާ ދުވަސްތަކެއް ވެފައި ވާކަމަށާއި 15މަހުގެ ނިކޮލަސް އަށް ކާނެއެއްޗެއް ނުލިބި އޭނާ މަރުވެފައިވަނީ ބަނޑުހައި ހޫނުކަންމަތީގައި ކަމަށް އެކުއްޖާގެ އޮޓޮޕްސީ ރިޕޯރޓުން ދައްކާ ކަމަށެވެ.
ޓިފަނީ އާއި ތުއްތު ކުއްޖާ މަރުވި އިރު، ޓިފަނީގެ އުމުރުން 3 އަހަރުގެ އަންހެން ކުއްޖާ އެގޭގައި ދިރިހުއްޓާވަނީ ފެނިފައެވެ. ތިން އަހަރުގެ އަންހެން ކުއްޖާ އޭނަގެ ކޮއްކޮ ނިކޮލަސް އަށް ކާންދޭން މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން ހިކިފައިވާ ފެނުކެއްކި ބިހުގެ ބައިތަކަކާއި ބިހުގެ ތޮށި ތަކެއް މަރުވެފައިވާ ނިކޮލަސްގެ ހަށިގަނޑު ކައިރިން ފެނިފައި ވެއެވެ. ތިން އަހަރުގެ ދައްތަ ކޮއްކޮ ސަލާމަތް ކުރުމަށް މަސައްކަތް ކުރިނަމަވެސް އެކުއްޖާ އަށް އެކަން ކާމިޔާބު ވެފައި ނުވެއެވެ.
ޓިފަނީގެ ތިން އަހަރުގެކުއްޖާ އަށްވެސް ކާންނުލިބުމުގެ ސަބަބުން ހާލު ދެރަވެފައިވާތީ މިހާރު އެކުއްޖާ އަށް ހޮސްިޓލުގައި ދަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލާ ހަވާލާދީ މެއިލް އޮންލައިންގައި ބުނެފައިވަނީ ޓިފަނީގެ ޕޯސްޓްމޯޓްމް ރިޕޯރޓުން ދައްކާގޮތުގައި އޭނާ ވަނީ ދެވައްތަރެއްގެ ޑްރަގެއް އެއްފަހަރާ ބޭނުންކޮށްފައެވެ.
ޓިފަނީ އަކީ ޑްރަގްއެޑިކްޓަކަށް ވާތީ ފަރުވާ އަށް ފަހު ދޫކޮށްފައި ހުރިމީހެކެވެ. އޭނާގެ ލޯބިވެރިޔާ އާއި ދެކުދިން ދިރިއުޅެމުން ދިޔައީ ވަކިން ގެއެއްގައެވެ. ނަމަވެސް ޓިފަނީ މަރުވި އިރު ލޯބިވެރިޔާ އެމީހުންނާ އެއްކޮށް އެގޭގައި ދިރިނޫޅެއެވެ.
މިމައްސަލަބަލާ އޮފިސަރުން ބުނެފައިވަނި މީގެ ކުރިން އެގޭގައި ކުއްޔަށް ދިރިއުޅުނު އެހެންބަޔަކުވެސް ވަނީ ޑްރަގް އޯވަރޑޯޒްވެގެން މަރުވެފައެވެ.