English Edition
Dhivehi Edition

ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި އޯގަސްޓު އިންޓޭކުގެ ކޯސްތަކަށް ވަނުމުގެ ފުރުޞަތު ވަނީ ހުޅުވާލެފިއެވެ.
ހިތަދޫ ކެމްޕަހުގައި ހިންގާ ކޯސްތަކަކީ އައްޑޫސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކަށް އަމާޒްކޮށް އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ހިންގާ ކޯސްތަކެއް ކަމަށް ހިތަދޫ ކެމްޕަސްއިން މަޢުލޫމާތު ދެއްވައެވެ. . މިއަހަރުގެ އޯގަސްޓް އިންޓޭކަށް އެކި ދާއިރާތަކަކުން ސެޓްފިކެޓް ލެވެލް، އިން ފެށިގެން ޑިގްރީ އަދި މާސްޓާރސް ފެންވަރުގެ ކޯސްތައްވަނީ ހުޅުވާލާފައެވެ.
މަތީ ސާނަވީއަށް ދިވެހިން ބިނާ ކުރުމަކީ ޤައުމީ ޔުނވަރސިޓީގެއަމާޒަކަށް ވެފައި މިދާއިރާއިން ދިވެހިން ބިނާކުރުމަށް ގިނަފުރުސތު ތަކެއް ހުޅުވާލެވިފައިވާއިރު އޭގެތެރޭގައި
ބެޗްލަރ އޮފް ޓީޗިން ސެކަންޑްރީ (އެކައުންޓިންގ/ ބިޒްނަސް ސްޓަޑީޒް) އަދި (އިކޮނޮމިކްސް/ޓްރެވެލް އެންޑް ޓުރިޒަމް)ވެސް ވަނީ ހުޅުވާލެވިފައިވެއެވެ. މިކޯހުގެ ޝަރުތަކީ އޭލެވެލް ދެ ފާސް (ޚާއްސަވާ މާއްދާ ހިމަނައިގެން) އަދި އޯލެވެލް ހަތަރު ފާސް (އިނގޭރޭސި ހިމަނައިގެން)ނެވެ.
ނަރުސްކަމުގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓް އިން ޑިޕްލޮމާ އިން ނާސިންގ އާއި ބެޗްލަރ އޮފް ނާސިންގ ކޯސް ވަނީ އިއުލާންކުރެވިފައެވެ. މީގެ ތެރެއިން އެޑްވާންސް ކޯހަށް އޯލެވެލް ތިން ފާހާއިއެކު ވަދެވޭނެއެވެ. އެއް އަހަރު ދުވަހުގެ މިކޯސް ފުރިހަމަ ކުރުމަށްފަހު ޑިޕްލޮމާ ކޯހަށް ވަނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ދީނީ އަދި އަރަބި އިލްމް އުނގެނެން ޝައުޤުވެރިވާ ފަރާތްތަކަށް އަރަބި ބަހުގެ ސެޓްފިކެޓް 3 އަދި ބެޗްލާންސް އޮފް އިސްލާމިކް ސްޓަޑީޒް ކޯސް (ދިވެހި މީޑިއަމް)ވެސް ވަނީ ހުޅުވާލާފަފައެވެ. އޭލްވެލްއިން 3 މާއްދާއިން (އިސްލާމް ހިމެނޭ ގޮތަށް) ފާސްވެފައިވާނަމަ ބެޗްލަރ ކޯހަށް ވަނުމުގެ ޝަރުތު ހަމަވާނެއެވެ. އެޑްވާންސް ސެޓްފިކެޓް އިން އިސްލާމިކް ކޯސް ނިންމާފައިވާ ފަރާތްތަކަށްވެސް ބެޗްލަރއިން އިސްލާމިކް ސްޓަޑީޒް ކޯހަށް ވަނުމުގެ ފުރުސަތު ލިބިގެންދެއެވެ.
ހިތަދޫ ކެމްޕަހުގައި ޝަރީއަތާއި ޤާނޫނީ ދާއިރާއިން އެޑްވާންސް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ އަދި ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ކޯސް ވެސް މިފަހަރުގެ އިންޓޭކްގައި ހުޅުވާލެވިފައެވެ. މިއީ ޤާނޫނީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ފުރުސަތެކެވެ. އެޑްވާންސް ސެޓިފިކެޓް ކޯހަށް އޯލެވެލް 03 ފާހާއި އެކު އަދި ޑިގްރީ ކޯހަށް އޭލެވެލް 02 ފާހާއި އެކު ޝަރުތު ހަމަވާނެއެވެ. އަދިހަމަ މިދާއިރާއިން އެޑްވާންސް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޑިގްރީ ކޯހަށް ވަނުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.
ސިއްޙީ ދައިރާގެ ކޯސްތަކުގެ ތެރެއިން ބެޗްލަރ އޮފް ހެލްތް ސާވިސް މެނޭޖެމެންޓް ކޯހަކީ ހިތަދޫ ކެމްޕަހުގައި މުޅިން އަލަށް ހިންގުމަށް އިޢުލާން ކުރެވިފައިވާ ކޯހެކެވެ. ސިއްޙީ ދާއިރާގެ ހިންގުމުގެ އުކުޅުތައް އުނގަންނައިދޭ މިކޯހަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ދެ ފާސް އަދި އޯލެވެލް ހަތަރު ފާސް (އިނގޭރި ހިމަނައިގެން) އެވެ.

ހިތަދޫ ކެމްޕަހުގައި މިފަހަރު ހިންގާ ކޯސްތަކުގެތެރެއިން ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން އިޢުލާން ކޮށްފައިވާ ކޯސްތަކަށް ބަލާލާއިރު ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ފައިނޭންސް އަދި ބެޗްލަރ އޮފް މާކެޓިންގ ކޯސް ފާހަގަކޮށްލެވެއެވެ. މި ދެކޯހަކީވެސް ހިންގުމުގެ ދާއިރާއަށް ހާއްސަ ކުރެވިގެން ފަރުމާ ކުރެވިފައިވާ ކޯސްތަކެކެވެ. މިކޯސްތަކަށް އޭލެވެލްގެ 02 މާއްދާއިން ޝަރުތުހަމަވެގެންދާއިރު މިދާއިރާއިން އެޑްވާންސް ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށްވެސް ފުރުސަތު ލިބިގެންދާނެއެވެ.
އޯގަސްޓް އިންޓޭކަށް ހުޅުވާލެވިފައިވާ ކޯސްތަކަށް ވަނުމުގެ ފަހު ތާރީޚަކީ 5 އޯގަސްޓެވެ. ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގެ ތެރެއިން ހުރިހައި ދާއިރާއަކުންވެސް އިޢުލާން ކުރެވިފައިވާ ޑިގްރީ ކޯސްތަކަށް އެއްވެސް ފީއެއް ދައްކަވަން ޖެހިވަޑައިނުގަންނަވާނެކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތު ދެއްވައެވެ.. ޑިގްރީ ކޯސްތަކަކީ މުޅިން ހިލޭ ހިންގޭ ކޯސްތަކެކެވެ. މިކޯސްތަކަށް ފޯމް ހުށަހެޅޭނީ އޮންލައިން ޕޯޓަލް mnu.edu.mv/apply މެދުވެރިކޮށެވެ. ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު https://courses.mnu.edu.mv/
މިލިންކުން ނުވަތަ 3345242 އިން ލިބިވަޑައިގަންނަވާނެއެވެ.