ތިނަދޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އީ.އޯ.ސީ)ގެ ނިންމުމާއި އެއްގޮތަށް ފުލް ލޮކްޑައުންއަކަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށް ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ ރަށް ފުލް ލޮކްޑައުންއަކަށް ގެންނަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އަށް ހުށަހެޅުމަށް ތިނަދޫ އީ.އޯ.ސީ އިން އިއްޔެ ނިންމެވި ނިންމުމާއި ގުޅިގެން މަޢުލޫމާތު ދެއްވަމުން ސައުދު ވިދާޅުވީ ތިނަދޫ ލޮކްޑައުން ކުރުމަށް ތައްޔާރުވުމަށް ކައުންސިލާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި ގުޅިގެން މަޝްވަރާގެ ރިވެތި އުސޫލުތަކާއި އެއްގޮތަށް މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
“ލޮކްޑައުން ކުރުމަކީ ކުރަން ފަސޭހަ ކަމެއް ނޫން.. އެޗް.ޕީ.އޭ އިން ވަރަށް ގިނަ ކަންތަކަށް ބަލާނެ. އެޗް.ޕީ.އޭ ގެ ނިންމުން ތަންފީޒުކުރަން ފަހެއް ނުޖެހޭނަން.” ސަޢުދު ވިދާޅުވިއެވެ.
ތިނަދޫ ކައުންސިލްގެ ރައީސެއްގެ ހައިސިއްޔަތުން ތިނަދޫ ރައްޔިތުންނާމެދު ވިސްނާ ބަލަންޖެހޭ ކަންތައްތައް ހުންނަ ފަދައިން ބޮޑު އަތޮޅެއްގެ ވެރިކަން ކުރާ ރަށެއް ލޮކްޑައުން ކުރުމުން އަތޮޅުގެ ރައްޔިތުންނަށް ކުރާނެ އަސަރުތަކާމެދު ވެސް އެޗް.ޕީ.އޭ އިން ވިސްނާނެ ކަން ސަޢުދު ވަނީ ފާހަގަކުރައްވާފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަޢުދު ވިދާޅުވީ ތިނަދޫގައި ފުލް ލޮކްޑައުންއަކަށް ދިއުމަށް ހުރި ދަތިތަކާއި އެ ކަންތައްތަކުން އަރައިގަތުމަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތަކާއި ބެހޭގޮތުން އީ.އޯ.ސީ ބައްދަލުވުންތަކުގައި ދެކެވޭ ހުރިހާ ވާހަކަތަކެއް މިވަގުތު މީޑިއާތަކާއި ހިއްސާކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެންނަމަވެސް ތިނަދޫގެ ހުރިހާ މުއައްސަސާއަކުން މި ހާލަތުގައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް ބަލައިގަންނަކަން ފާހަގަކޮށް ސަޢުދު ވަނީ ޝުކުރު ދަންނަވާފައެވެ.