English Edition
Dhivehi Edition

އަތޮޅުތެރޭގެ ރަށެއްގެ ސްކޫލް ޓީޗަރަކު ފިރިހެން ދަރިވަރަކަށް ހަނގާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އާއިލާގެ ބަސް

އަތޮޅުތެރޭ ރަށެއްގެ ސްކޫލުގެ އިސްލާމް ޓީޗަރަކު ގްރޭޑް 10 ގެ ދަރިވަރަކަށް ހަނގާ ކުރިކަމަށްބުނެ އެކުއްޖާގެ އާއިލާއިން ބުނީ ކުއްޖާ ކްލާހަށް ވަނަ ނުދީ، ކްލާހަށް ވަނީމަ ކްލާހުން ބޭރުކޮށް، ބައެއް ފަހަރު ކްލާސް ތެރޭގެ އެއް ކަނެއްގައި (ކްލާސްރޫމް ނުފެންނަހެން) ކޮޅަށް ވެސް ބެހެއްޓިކަމަށެވެ. މީގެ އިތުރުން އެހެން ދަރިވަރުން ކުރިމަތީގައި ކުއްޖާ ލަދު ގަންނަވާ، މަގުމަތިން ވެސް ކުއްޖާއާ ދިމާކޮށް ސްކޫލު ތެރޭގައި ވެސް ކުއްޖާއާ ދިމާކޮށް ހަދާ ކްލާހަށް ނުވަނުމަށް ބުނެފައިވާ ކަމަށެވެ. އަދި ކުއްޖާގެ ބެލެނިވެރިޔާއަށް ވެސް ގުޅާފައި ތިމަންނަގެ ކްލާހަށް އެދަރިވަރު ފޮނުވައިގެން ނުވާނެއޭ ވެސް ބުނެފައިވާކަމަށް ދަރިވަރުގެ ދައްތަ ކިޔައިދިނެވެ.

ދަރިވަރުގެ ދައްތަ އަކީ ހަމަ އެސްކޫލުގެ ޓީޗަރެކެވެ. ދަރިވަރުގެ ދައްތަ ބުނާ ގޮތުގައި ޓީޗަރު އެ ދަރިވަރަށް އެގޮތަށް ހަނގާ ކުރަނީ، މިދިޔަ ރޯދަ މަސް ތެރޭގައި އެދަރިވަރާ އިތުރު ކުދިންތަކެއް ބައިވެރިވެގެން އެޓީޗަރުގެ ސައިކަލަށް ބިސް ޖަހައިފައި ހުރެގެން ކަމަށް ޓީޗަރު ވަނީ އެއްބަސްވެފައެވެ.

“މި މައްސަލަ ސްކޫލަށް ހުށަހެޅުމުން އެނގުނީ މި ޓީޗަރާ ގުޅޭ އެތައް މައްސަލައެއް ކުރިން ވެސް ހުށަހަޅާފައި ހުރިކަން. އެހެން ދަރިވަރުންނަށް ވެސް މިގޮތަށް ހަނގާ ކުރާކަން ވެސް ހާމަވި. ސްކޫލު މެނޭޖްމެންޓުން މިދިޔަ އަހަރު ވެސް އެބައޮތް މަޝްވަރާ ކޮށްފަ މިޓީޗަރު ގްރޭޑް 10ގެ ލީޑިންގ ޓީޗަރަކަށް ނުބަހައްޓަން. އެކަމަކު ފަހުން ނިންމާފަ އިނީ ބަހައްޓާ ގޮތަށް” ކުއްޖާގެ ދައްތަ ކިޔައިދިނެވެ.

”އެކަމަކު އެ ކުއްޖާ އެބަ ބުނޭ ތިމަންނާއަކަށް ނުވެސް އެނގެޔޭ ޓީޗަރުގެ ސައިކަލަށް ބަޔަކު ބިސް ޖެހިކަމެއް ވެސް. މައްސަލަ ސްކޫލަށް ހުށަހަޅައިގެން، އެ މައްސަލަ ޑިސިޕްލިނަރީ މައްސަލައެއް ގޮތަށް ބަލާފައެއް ވެސް ނެތް. ރަސްމީކޮށް އެ މައްސަލަ ބެލެނިވެރިއަކަށް ވެސް ހުށަހަޅައިފައެއް ނެތް. އެކަމަކު ޓީޗަރު ކަންތައްތައް އެކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް. ސްކޫލުގެ ޓީޗަރުން ތިބޭ ވައިބާ ގްރޫޕުގައި ވެސް ކުއްޖާ ބަދުނާމުކޮށް ވާހަކަ ދައްކާ، ޕީޓީއޭ ވައިބާ ގްރޫޕުގައި ވެސް އެ ވާހަކަ ދެއްކި. ޓީޗަރު އަމިއްލައަށް ޒާތީކޮށް ޖައްސާލައިގެން އުޅުން އަޅުގަނޑުމެންނަށް ބަލައެއް ނުގަނެވޭ” ކުއްޖާގެ ދައްތަ ބުންޏެވެ.

މިކަންތައް މިހެން ދިމާވާތީ މިމައްސަލަ ސްކޫލަށް ހުށަހެޅުމުން ފުރަތަމަ ސިޓީއަށް ތިން ހަފްތާ ވީއިރުވެސް ޖަވާބެއް ނުލިބޭ ކަމަށާއި އެހެންކަމުން ދެވަނަ ސިޓީއެއް ވެސް ހުށަހެޅި ކަމަށް އާއިލާއިން ބުނެފައިވެއެވެ. ނަމަވެސް ދެވަނަ ސިޓީއަށްވެސް ޖަވާބެއް ނުލިބުމުން އެޑިއުކޭޝަން މިނިސްޓަރ ޓެގް ކޮށްފައި މި މައްސަލަ މީސް މީޑިއާގައި ހިއްސާ ކުރި ކަމަށް ކުއްޖާގެ ދައްތަ ވަނީ މައުލޫމާތުދީފައެވެ.

މިމައްސަލައާއި ބެހޭގޮތުން ސްކޫލުގެ ޕްރިންސިޕަލް އެ ކުއްޖާގެ ބެލެނިވެރިޔާއަށް ގުޅި ކަމަށާއި އަދި މައްސަލަ ނުބެލި އޮތީ ކުދިންގެ އިމްތިހާނު ކުރިއަށް ދާތީ ކަމަށް ޕްރިންސިޕަލް ވިދާޅުވެފައިވެއެވެ. އަދި އެޕޯސްޓު މީސްމީޑިޔާއިން ނަގައިދިނުމަށް ސްކޫލްގެ ޕްރިންސިޕަލް ވަނީ އާއިލާއަށް ރިކުއެސްޓްކޮށްފައެވެ.

ދަރިވަރަކީ މިއަހަރު ޖީސީ އޯލެވެލް ހަދާ ދަރިވަރަކަށް ވުމުން އިމްތިހާނާ ދިމާކޮށް މިގޮތަށް ކަންތައް ކުރުމުންދާތީ ކުއްޖާ ނަފްސާނީވެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އުފެދިފައިވާ ކަމަށް އާއިލާއިން ބުންޏެވެ. ސްކޫލުން މިކަމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އާއިލާއިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޓީޗަރުގެ ބަސް

އާއިލާއިން ޓީޗަރަށް ކުރި ތުހުމަތު ދޮގުކުރަމުން ޓީޗަރު ބުނެފައިވަނީ އެދަރިވަރަކީ ބަރާބަރަށް ކުލާހުގައި ބައިވެރިވާ ދަރިވަރެއް ކަމަށާއި. ދަރިވަރު އަމިއްލައަށް ކަނަކަށް ދަނީ ކަމަށެވެ. އަދި ދަރިވަރު ކޮޅަކަށް ނުބަހައްޓާ، މަލާމާތެއް ވެސް ނުކުރާ ކަމަށެވެ. ދަރިވަރަކީ އާންމުކޮށް ހުރިހާ ކްލާސް ގަޑިތަކެއްގައި ވެސް ގޮނޑި ހިފައިގެން އެއްކައިރިއަކަށް ދާ ކުއްޖެއް ކަމަށް ޓީޗަރު ބުންޏެވެ.

މިމައްސަލަ އާއި ގުޅޭ ގޮތުން ޓީޗަރު ބުނަނީ ޓީޗަރުގެ ސައިކަލަށް ގެއްލުން ދީފައިވާ ފޮޓޯ ބެލެނެވެރިންގެ ވައިބާ ގުރޫޕަށް ލިކަމަށާއި އަދި އެކަންތައް ކުރި ބަޔަކާއި، އެކަން ކުރި ސަބަބެއް ހޯދަން ބޭނުންވާ ކަމަށް ބުނިކަމަށެވެ. ޖެހިގެން އައި ދުވަހު ކުއްޖަކު އަމިއްލައަށް އިއުތިރާފް ވެފައިވާ ކަމަށާއި އެކަމުގައި ބައިވެރިވި އެހެން ކުދިންގެ މައުލޫމާތުވެސް އެކުއްޖާ ދީފައިވާކަމަށް ޓީޗަރު ބުންޏެވެ.

“ދަރިވަރު އެހެން ބުނުމުން އަޅުގަނޑު އެ ކުއްޖާ މަގުމަތިން ފެނިގެން ސުވާލު ކޮށްލިން ސަރއަށް މިކަހަލަ މައުލޫމާތު ލިބިފައި އެބަވެޔޭ ތެދެއް ހެއްޔޭ. ސައިކަލަށް ގެއްލުން ދިނިން ހެއްޔޭ. އެ ދަރިވަރު ބުނިީތިމަންނަ ތިކަމެއް ނުކުރަމޭ. ދެން އަޅުގަނޑު ބުނިން ސަރ ނުބުނަމެއް ނޫންހޭ ކުރިއެކޭ، މިބުނީ މިކަހަލަ މައުލޫމާތެއް ލިބިއްޖެއޭ ނޫންހޭ. ޖެހިގެން އައި ދުވަހު ގްރޭޑް 10ގެ އެހެން ދަރިވަރުންތަކެއް ވެސް އަޅުގަނޑަށް އެ މައުލޫމާތު ދިން، އެ ކުއްޖާ ވެސް ސައިކަލަށް ހަމަ ގެއްލުން ދިން ކަމަށް” ޓިޗަރު ކިޔައިދިނެވެ.

ޓީޗަރު އިތުރަށް ބުނީ އެ ކަހަލަ މައުލޫމާތުތައް ލިބުމުން ބެލެނިވެރިޔާއާ ވެސް ސުވާލު ކުރި ކަމަށެވެ. އެފަދައިން ދަރިވަރާއި ބެލެނިވެރިންނާ ސުވާލު ކުރުމުން، އެގޮތަށް މަގުމަތިން ސުވާލު ނުކުރެވޭނެ ކަމަށް ބުނެ ބެލެނިވެރިން ސްކޫލަށް މައްސަލައެއް ހުށަހެޅި ކަމަށެވެ. ހެއްކާ އެކު ހުށަހަޅަން ސްކޫލުން އެދުމުން، މައުލޫމާތުތައް ދިން ދަރިވަރުންގެ ނަންތައް، ކަން ހިނގައި ދިޔަ ގޮތް ސްކޫލަށް ހުށަހަޅަން އެދުމުން އެކަން ވެސް ވަރަށް ތަފްސީލުކޮށް ހުށަހަޅާފައި ވާނެ ކަމަށް ވެސް އިސްލާމް ޓީޗަރު ބުންޏެވެ.

ކައުންސިލުގެ ބަސް

މިކަމާ ގުޅޭގޮތުން އެރަށު ކައުންސިލުން ވިދާޅުވީ، ބެލެނިވެރިއަކު ހުށަހަޅާފައިވާ މިފަދަ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ބަލަމުން ދާ ކަމަށް އެ ސްކޫލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މީކަމާގުޅޭގޮތުން އެ ރަށު ކައުންސިލުން ވިދާޅުވީ އެ ޓީޗަރަކީ އެތައް އަހަރަކު އެސްކޫލަށް ޚިދުމަތް ކޮށްދީފައިވާ ޓީޗަރެއް ކަމަށާއި ދަރިވަރުންގެ ފަރާތުން ރަނގަޅު ނަތީޖާ ނެރެން މަސައްކަތްކޮށް ރަނގަޅު ނަތީޖާ ނެރެދޭ ހީވާގި ޓީޗަރެއް ކަމަށެވެ.