އަތޮޅު ކައުންސިލުން ކުރާނެކަމެއް ނެތިގެން އުޅޭކަމަށް ދޭހަވާފަދަ ބަހުރުވައަކުން ގދ. ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ވަނީ އޭނާގެ ޚިޔާލު އާންމުންނާއި ހިއްސާ ކޮށްފައެވެ.
ރޭގެ ވަގުތެއްގައި އޭނާ ފޭސްބުކްގައި ހިއްސާކުރި ސްޓޭޓަސްގައި ވާގޮތުން “އަތޮޅު ކައުންސިލުން އުޅެނީ ކުރާނެ މަސައްކަތެއް ނެތިގެން” މިފަދައި ބުނެފައިވެއެވެ.
މި ސްޓޭޓަސް އާއި ގުޅިގެން ތިނަދޫ ރައްޔިތުންގެ އެތައް ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ އަމާޒު ވެފައެވެ. ރަށުގެ ޒުވާނެއް ކިޔާދިން ގޮތުގައި މީސްމީޑިއާގައި އެންމެންނަށް ފެންނާނެހެން އެފަދަ އިބާރާތަކުން ސްޓޭޓަސް އަޕްޑޭޓްކުރުމުން އިހަކަށްދުވަހު ރައްޔިތުން ނިކުމެ އިންތިހާބުކުރި ކައުންސިލާ މެދު ކުރަމުންއައި އުއްމީދު ގެއްލިއްޖެއެވެ. ކުރާނެކަމެއް ނެތިގެނޭ ބުނުމަކީ ރަށުގެ ތަރައްޤީއާމެދު ވެސް އުއްމީދީ ގޮތަކަށް ވިސްނަން ދަތިވާ ކަމެއް ކަމަށެވެ.
“މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ މިފެނުނު މަންޒަރުން އަޅުގަނޑު ޒުވާނެއްގެ ހައިސިއްޔަތުން ކައުންސިލްގެ ގާބިލިއްޔަތު ކަމާމެދު ސުވާލު އުފައްދަން” ޒުވާނަކު ސައުދުގެ ސްޓޭޓަސްއަށް ހިޔާލު ފާޅުކުރިއެވެ.
ތިނަދޫ ފުލް ލޮކްޑައުންއަކަށް ދިއުމަށް ގދ. އަތޮޅު ކައުންސިލުން ނިންމެވި ނިންމުމާއި ގުޅިގެން ހިއްސާ ކުރެއްވި ޚިޔާލުފުޅެއް ތޯވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ. އަދި ކަމާބެހޭ މީހުންގެ ލަފައާއި އިރުޝާދާ އެއްގޮތަށް ކައުންސިލުން ލޮކްޑައުންއަކަށް ނުދާން އުޅޭ ސަބަބެއް އޮޅުންފިލުވަން ވެސް އެއްބަޔަކު މި ސްޓޭޓަސްގެ ކޮމެންޓް ސެކްޝަންގައި ސުވާލުކުރިއެވެ.
“ހުވާކުރެއްވި ފަހުން އަލަށް އިންތިހާބުވި ރަށު ކައުންސިލުން ރައްޔިތުންގެ ތަރައްޤީއަށް ކުރެއްވީ ކޮން ކަމެއްތޯ؟ ނިންމެވީ ކޮން ނިންމެވުމެއްތޯ؟” ތިނަދޫ ރައްޔިތެއް ސުވާލު އަމާޒުކުރިއެވެ.
ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވި މި ސްޓޭޓަސް ސައުދު ވަނީ އޭނާގެ ފޭސްބުކް އެކައުންޓުން މިހާރު ރިމޫވް ކޮށްފައެވެ. އެހެންނަމަވެސް މި ސްޓޭޓަސްގެ ސްކްރީންޝޮޓްތައް އަދިވެސް ފޭސްބުކްގައި ދައުރުވަމުންދެއެވެ.