English Edition
Dhivehi Edition

ޔޫރޯ 2020 ގައި މިރޭ ގްރޫޕް ބީގައި ފިންލެންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުމުން މެޗު ހުއްޓާލައިފިއެވެ.

އުމުރުން 29 އަހަރުގެ އެރިކްސަން، ދަނޑުމައްޗަށް ވެއްޓުނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނެޓަށްވެފައިވަނިކޮށްނެވެ. އެންމެ ފުރަތަމަ ދަނޑުމަތީގައި އޭނާ އަށް ފަރުވާ ދިނުމަށްފަހު، މިހާރު އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އެރިކްސަން ވެއްޓުމާއެކު ޑެންމާކްގެ ކުޅުންތެރިން ތިބީ ވަށައިގެން ސަފެއްގައި އެތުރިގެން އޭނާ އަށް ފަރުވާދެމުންދާ މަންޒަރު ބެލުންތެރިންނަށް ނުފެންނާނެގޮތަށް ހުއްޓިގެންނެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ޔުއެފާ އިން ނެރުނު ބަޔާނެއްގައިވަނީ، ސިއްހީ އެމާޖެންސީއެއްގެ ސަބަބުން ޑެންމާކާ ދެކޮޅަށް ފިންލެންޑް ކުޅުނު މެޗު ހުއްޓާލާފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން ޑެންމާކުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެރިކްސަން ހޭއަރާފައިވާ ކަމަށާއި މިވަގުތު ހޮސްޕިޓަލްގައި އިތުރު ޓެސްޓްތައް ހެދުމުގެ ކަންކަން ކުރެވެމުން އަންނަ ކަމަށެވެ.

މި މެޗުގެ ކުޅުން ހުއްޓާލިއިރު ދެ ޓީމުވެސް އޮތީ 0-0 އިން އެއްވަރުވެފައެވެ. ޔުއެފާ އިން މި މެޗާއި މެދު ދެން އަމަލު ކުރާނެ ގޮތެއް މިރޭގެ ވަގުތެއްގައި އިއުލާންކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މިރޭގެ މެޗާއި ކުރިމަތިލިއިރު، މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ވަނީ ދެ މެޗު ކުޅެފައެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު އިޓަލީން ވަނީ 3-0ގެ ތަފާތަކުން ތުރުކީ ބަލިކޮށްފައެވެ. މި ގްރޫޕުގައި ކުޅުނު ދެވަނަ މެޗުގައި މިރޭ އިރުއޮއްސުނު ގަޑީގައި ވޭލްސްއާ ދެކޮޅަށް ސްވިޒަލޭންޑް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.