English Edition
Dhivehi Edition

ގއ.ވިލިގިލީ ކަރަންޓީނުގައި ހުރި މީހަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔުމުގެ ހުއްދަ ނުލިބުނުކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން އާއިލާ މީހަކު ބުނީ އިއްޔެ ހެދުނު ބަލިމީހާ ފިޓް ޖެހުމުން އެރަށު ކައުންސިލްގެ ނައިބް ރައީސްއަށް ގުޅާފައި ހޮސްޕިޓަލަށް ގެންދާން ބޭނުންވާ ވާހަކަ އާއި ބަލިމީހާގެ ހާލު ރަނގަޅު ނޫންކަމަށް ބުނި ކަމަށެވެ. އެހެން ނަމަވެސް ނައިބްރައީސް އެކަމަށް ހުއްދަ ނުދިން ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ.

އާއިލާއިން ބުނާގޮތުގައި ރޭގެ ވަގުތެއްގައި އެކުއްޖާ ދެވަނަ ފަހަރަށް ފިޓްޖެހި ނޭފަތުން ލޭވެސް އައި ކަމަށާއި ކައުންސިލަރ އަށް ގުޅާފައި ދެފަހަރުވެސް ބުނުމުން އޮންލައިންކޮށް ޑޮކްޓަރަށް ދައްކަން ބުނި ކަމަށެވެ. އެހެންނަމަވެސް އޮންލައިންކޮށް ޑޮކްޓަރަށް ދައްކަން ހަދަންޖެހޭގޮތެއް ނޭގޭތީ އޮންލައިންކޮށް ނުދެއްކުނީ ކަމަށެވެ.

ރޭގަ އެކުއްޖާ ފިޓްޖެހުމުން އޭނަގެ ފިރިމީހާ ހޮސްޕިޓަލްގެ މެނޭޖަރަށް ގުޅާފަ މައްސަލަޖެއްސުމުން، އެމްބިއުލާންސް ފޮނުވައިގެން އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް އާއިލާއިން މައުލޫމާތުދީފައިވެއެވެ.

މީސްމީޑިޔާގައި މިހާރު ދައުރުވަމުންދާ ޕޯސްޓުން ފެންނަ ގޮތުގައި އެކުއްޖާގެ ނޭފަތުންވެސް ލޭއައިސް މޫނުމައްޗަށްވެސް ވަނީ އަނިޔާލިބިފައެވެ.

މިކަމާބެހޭގޮތުން ގއ.ކޮވިޑް ފޯކަލްޕޮއިންޓް އަސްމާ އަބްދުﷲ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަވެސް އެކަމާގުޅިގެން އާއިލާއިން ގުޅުމުން ހޮސްޕިޓަލަށް ގެންދަން ބުނުމުން ބަލިމީހާގެ ފިރިމީހާވަނީ އެކަމަށް އިންކާރުކޮށްފައެވެ. އެހެންކަމުން އާއިލާއާއި ދެކޮޅަށް ބަލިމީހާ ހޮސްޕިޓަލަށް ގެންދެވޭނެ ގޮތެއް ނުވީ ކަމަށާއި ރޭގަ ފިޓްޖެހިގެން ގުޅުމުން ވަގުތުން ނަރުހުންނާއި އެކު އެމްބިއުލާންސް ފޮނުވައިގެން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދީފައިވާކަމަށް އަސްމާ އޭއޯ ނިއުސްއަށް މައުލޫމާތުދިނެވެ.

އަސްމާ އިތުރަށް ވިދާޅުވި ގޮތުގައި ބަލިމީހާއަކީ ކޮވިޑްއަށް ފައްސިވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނުކޮށްފައިވާ މީހަކެވެ. އެހެންނަމަވެސް ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށާއި ބަލިމީހާގެ ހާލު މިހާރު ރަނގަޅުކަމަށް އަސްމާ ވިދާޅުވިއެވެ.

ގއ.ހޮސްޕިޓަލުގެ މެނޭޖަރ ވިދާޅުވީ ބަލިމީހާގެ ފިރިމީހާ އޭނައަށް ނުގުޅާ ކަމަށާއި ހޮސްޕިޓަލުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީފައިވާނެ ކަމަށެވެ.

 

 

1 ކޮމެންޓް
Ali
ޖޫން 9, 2021
Hospital manager akee dhigu hadhaa meeheh, mulhi atholhu emmenah jessun kuri meeheh, bodu hospitaleh ekkoh kovid facility akah badhal koh rayyithunah jessun koffa ves hedhee dhigu,villingili rayyithun balaanugany shareef,