English Edition
Dhivehi Edition

ގއ ވިލިނގިލިން ވަކި ތަރުތީބެއް ނެތި ނެގި ރޭންޑަމް ސާމްޕަލް ތަކެއް ޕޮޒިޓިވްވެފައިވާކަމަށް ވިލިނގިލި އީ.އޯ.ސީ ސެޝަންގައި ރޭ ހާމަކޮށްފިއެވެ.

ވިލިނގިލި އީ.އޯ.ސީ އިން ރޭ ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 24 ގަޑިއިރު ތެރޭގައި ވިލިނގިލީގައި ޖުމްލަ 11 މީހަކު ޕޮޒިޓިވްވެ، 04 މީހަކު ބަލިން ރަނގަޅުވެ، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު 44 ކަށް އަރައެވެ.

ރޭ ކުރިއަށް ގެންދިޔެ އީ.އޯ.ސީ ޙާއްސަ ސެޝަންގައި ވާހަކަ ދައްކަވަމުން ގއ އަތޮޅު ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ ވިދާޅުވީ، ވަކި ތަރުތީބެއް ނެތި ރަށުގެ އެކި ސަރައްޙައްދު ތަކުން ރޭންޑަމް ސާމްޕަލް ގޮތުގައި 162 ސާމްޕަލެއް ނަގައިފައިވާއިރު 6 ސާމްޕަލެއް ޕޮޒިޓިވްވެ، ނަތީޖާ ނުލިބި 3 ސާމްޕަލެއް ވާ ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ ރަށުގެ 3 ފަރާތަކާއި 3 ބިދޭސީން ކަމަށްވެސް އަސްމާ ވަނީ ހާމަކޮށްފައެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން އަސްމާ ވިދާޅުވީ، ވިލިނގިލީގައި 11 ފަރާތެއް ޕޮޒިޓިވްވެފައިވާ ކަން ރިކޯޑް ކުރެވިފައިވާ ކަމަށާއި އެއީ ހޯމް ކަރަންޓީންގައި ޕޮޒިޓިވްވި ފަރާތަކާއި ކޮންޓެކްޓްވެ ޕޮޒިޓިވްވި 5 ފަރާތަކާއި ރޭންޑަމް ސާމްޕަލުން ޕޮޒިޓިވްވި 6 ފަރާތެއް ކަމަށެވެ.

ވިލިނގިލިން ބިދޭސީން ޕޮޒިޓިވްވެގެން ދިއުމަކީ ނުރައްކާތެރި ސިގްނަލެއް ކަމަށާއި ރަށުގެ 3 ސަރަހައްދެއްގައި އުޅޭ 3 ބިދޭސީ އެއް ޕޮޒިޓިވްވެފައި ވާއިރު، އެންމެ މީހެއްގެ ކިބައިން އެތައް ބަޔަކަށް ބަލި ފެތުރުން އެކަށީގެން ވާ ކަމަށް ވެސް އަސްމާ ވަނީ ވިދާޅުވެފައެވެ.

ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހީލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.