English Edition
Dhivehi Edition

ފުވައްމުލައްސިޓީ ފެހި ކުރުމުގެ ގޮތުން ގަސްއިންދުމުގެ ޕުރޮގުރާމެއް މިއަދު ފަށައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ޕުރޮގުރާމް ފެށުމުގެ ގޮތުން މިއަދުވަނީ މިރަށު ކުރީގެ ބޯޅަ ދަނޑުގައި އަނބުގަސްތަކެއް އިންދާފައެވެ. ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕުރޮގުރާމް ފަށްޓަވައިދެއްވީ ސިޓީގެ މޭޔަރާއި، ޑެޕިއުޓީ މޭޔަރ އަދި ކައުންސިލަރުންނެވެ.

ފުވައްމުލައް ސިޓީ ކައިންސިލުގެ ޑިރެކްޓާރ ޖެނެރަލް އަހުމަދު ނިޖާހު (ނިޖާ) އޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުވައްމުލަކަކީ ފެހި އަދި ފޯރުންތެރި ރަށަކަށް ހެދުމުގެ ގޮތުން އެސިޓީގެ އެކި ސަރަހައްދު ތަކުގައި، މޭވާ އަޅާ ގަސްތަކާއި، މާއަޅާ ގަސްތައް އިންދުމަށް ވަނީ ގަސްތު ކުރެވިފައެވެ. އެގޮތުން ފަރުދީ ލެވެލްގައި މިކަން ކުރުމަށްވެސް ކައިންސިލުން ބާރު އަޅުއްވާނޭ ކަމަށްވެސް ނިޖާ ވިދާޅުވިއެވެ. މީގެ ތެރޭގައި ރަށުގެ ޗަސްބިން ސަރަހައްދުގައި ދަނބުގަސް އިންދުމާއި، ރަށުގެ އެކި ހިސާބުތަކުގައި އަނބުގަސް އިންދުން އަދި ތާރުމަގުގައި ހެދިފައިވާ ޕްލޮޓުތަކުގައި، ތަފާތު ވައްތަރުގެ މާއަޅާ ގަސްތައް އިންދުން ހިމެނެއެވެ. ކުރިއަށް އޮތް ތަނުގައި، މިކަންކުރަން ގަސްތުކުރަނީ ރަށުގެ އެކިއެކި މުއައްސަސާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ސްކޫލްތަކުގެ ބައިވެރިވުންވެސް ހޯދައިގެން ކަމަށްވެސް ނިޖާ ވިދާޅުވިއެވެ. މިކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދަން ފެށޭނީ ކޮވިޑުގެ ހާލަތުން ލުޔެއްލިބިގެން ކަމަށްވެސް ނިޖާ ފާހަގަކުރެއްވިއެވެ.