English Edition
Dhivehi Edition
ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް ތެރެއިން ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިންދާ ގަސްތަކަށް ފެންދިނުމަށް ބޭނުންކުރާނެ އިލެކްޓްރިކް ވެހިކަލްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ.

މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ގަސްތައް ހެދިބޮޑުވުމަށް އެންމެ މުހިންމު ކަމަކީ ގަވާއިދުން ފެންދިނުން ކަމަށެވެ. އެހެންކަމުން ބޮޑެތި ރަށްރަށުގެ މަގުމަތީގައި އިންދާ ގަސްތަކަށް ފަސޭހައިން ފެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިލެކްޓްރިކް ވެހިކަލް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއަހަރަށް ކަނޑައެޅި އެއް މިލިއަން ގަސް އިންދުމުގެ އަމާޒު ހާސިލްވެފައިވާއިރު، މިހާތަނަށް 1،027،372 ގަސް އިންދާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިހާރު ދެ ހައިވަކަރު ގަސް އިންދާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން އަމާޒު ހިފާފައިވީ ނަމަވެސް، އެކި އިދާރާތަކުން ދީފައިވާ ޔަގީންކަމަށް ބަލާއިރު 6.4 މިލިއަން ގަސް އިންދޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ.

ޓެގު