English Edition
Dhivehi Edition

އައްޑޫސިޓީގެ މާފިށި ކިޅި ސަރަހައްދު މެނޭޖްކޮށް ބެލެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލާއި މިއަދު ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫގެ މޭޔަރ އަލީ ނިޒާރެވެ.

އައްޑޫ ސިޓީގެ ހުޅުދޫގެ ދެކުނަށްވާ ގޮތަށް އޮންނަ މާފިށި ސަރަހައްދަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން 22 ސެޕްޓެންބަރު 2020 ގައި ހިމާޔަތްކޮށްފައިވާ ޗަސްބިން ސަރަޙައްދެކެވެ. މިސަރަޙައްދަކީ ވެސް، އެހެން ޗަސްބިން ސަރަހައްދުތަކެކޭ އެއްގޮތަށް، ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށް ދިނުމާއި، ރަށުގެ މީރުފެން ފަށަލަ ތާޒާކޮށް ބޭއްވުމަށް މުހިއްމު ދައުރު އަދާކުރާ ސަރަޙައްދެކެވެ. އަދި މިފަދަ ސަރަހައްދުތަކަކީ ކާބަން ސިންކްގެ ގޮތުގައި ކާބަން ރައްކާކުރާ ސަރަޙައްދުތަކެކެވެ. މިސަރަޙައްދުން ފެންނަ ދިރުންތަކުގެ ތެރޭގައި ކުޅިފަލުގައި ހެދޭ ގަހުގެ ބާވަތެއް ކަމުގައިވާ ބުރެވި ގިނަ އަދަދަކަށް ހެދިފައވެއެވެ. މިސަރަޙައްދުގައިވާ ފެންގަނޑުން ރާއްޖެއިން މަދުން ނޫނީ ނުފެންނަ މަހުގެ ބާވަތެއް ކަމުގައިވާ ކޮންގަރއީލް ފެނެއެވެ. އަދި ގިނަ ޢަދަދަކަށް ތެލާޕިޔާ އާއި ކުޅިތަކުގައި އުޅޭ ފިނިހަކުގެ ބާވަތްތައް ވެސް މިސަރަޙައްދުން ފެނެއެވެ. މިސަރަޙައްދަކީ ހިމާޔަތްކޮށްފައިވާ ދޫނި ޒިޔާރަތްކޮށް އާލާވާ ސަރަޙައްދެކެވެ. އަދި މި ސަރަޙައްދުން ފެންނަ ދޫނީގެ ތެރޭގައި ދޮންފެންފޯއް ދޫނި، ދޮންދީނި، ހުވަދޫ ރާބޮނދި، މާކަނާ އަދި ތޭރަވާ ހިމެނެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މިސަރަހައްދުގައި ލޯކަލް ޓޫރިޒަމް ޤާއިމްކުރުމަށް ޕްލޭންކުރައްވާފައިވާ އިރު މިއެއްބަސްވުމުގެ ސަބަބުން މިސަރަޙައްދު މެނޭޖްކުރުމާއި ތަރައްޤީ ކުރުމުގެ ޕްލޭންތަކާއި އިންޓަގްރޭޓް ކުރުމަށް މަގުފަހި ވެގެންދާނެއެވެ.