English Edition
Dhivehi Edition

އައްޑޫސިޓީގެ މަތިކިޅި ސަރަހައްދު ހިންގާ ބެލެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލާއި މިއަދު ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫގެ މޭޔަރ އަލީ ނިޒާރެވެ.

މިއެއްބަސްވުމުގެ ދަށުން މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭނަށް ބޭނުންވާ އިކޯޓޫރިޒަމް އަދި އިކޯގާރޑަން ކޮންސެޕް ޑިޒައިން ތައްޔާރުކުރުމާއި މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭން ޑްރާފްޓް ކުރުމާއި، މިސަރަޙައްދުގެ ރީސްޓޮރޭޝަންއަށް ބޭނުންވާ ގޮތަށް، މިސަރަޙައްދުގައި “އިންވޭސިވް ސްޕީޝީސް” އެއް ގޮތަށް ފެތުރެމުންދާ ކާފަރު ބުރު ސާފުކުރުމާއި، މިސަރަޙައްދު މެނޭޖްކުރުމަށް ބޭނުންވާ ޓޫލްސް ގަނެވޭނެއެވެ.

މިއެއްބަސްވުމުގެ ދަށުން މަތިކިޅީގައި ކުރުމަށް ރޭވިފައިވާ ރިސްޓޮރޭޝަންގެ މަސައްކަތްތަކަކީ މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމުގައިވާ
“Reimagine Recreate “Restore,ނުވަތަ “މާހައުލީ ނިޒާމުތައް އިޔާދަކުރުން” މިޝިޢާރާއި ގުޅުންހުރި މަސައްކަތްތަކެވެ. މީހުން ދިރިއުޅޭ ގިނަރަށްރަށުގައި ހުރި ބައެއް ކުޅި،ފާ، ޗަސްބިން ސަރަހައްދުތަކަކީ ކޮންމެވެސް ވަރެއްގެ ރިސްޓޮރޭޝަންއެއް ނުވަތަ ރީހެބިލިޓޭޝަން އެއް ބޭނުންވާ ސަރަޙައްދުތަކެކެވެ.

އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫގެ މެދަށްވާ ގޮތަށް އޮންނަ މަތިކިޅި ސަރަޙައްދަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން 22 ސެޕްޓެންބަރު 2020 ގައި ހިމާޔަތްކޮށްފައިވާ ޗަސްބިން ސަރަޙައްދެކެވެ. މިސަރަޙައްދަކީ ބޮޑު ޗަސްބިމުގެ ސަރަޙައްދެއްކަމުން، ރަށަށް ވެހޭ ވާރޭ މިސަރަޙައްދަށް ފަސޭހަކަމާއެކު ހިނދިގެން ދެއެވެ. އެހެންކަމުން، މިސަރަޙައްދަކީ މިރަށުގައި ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށް ދިނުމުގެ ދައުރު އަދާކުރާ މުހިއްމު ސަރަޙައްދެކެވެ. މިސަރަޙައްދުގައިވާ ގަސްގަހާގެއްސަށް ބަލާލާއިރު، ގިނަ އަދަދަކަށް ހެދިފައިވަނީ ’ކާފަރުބުރު‘ ނަމަކަށް ކިޔާ ވިނައިގެ ބާވަތެކެވެ. މީގެ އިތުރުން މި ސަރަޙައްދުގައި ބޯކަށިކެޔޮ، ކަށިކެޔޮ، ދިއްގާ އަދި ރުއް ގިނަ ޢަދަދަކަށް ހެދިފައިވެއެވެ. އަދި މި ސަރަޙައްދަކީ ޙިމާޔަތްކޮށްފައިވާ ގިނަ ޢަދަދަކަށް ދޫނި ޒިޔާރަތްކޮށް އާލާވާ ސަރަޙައްދެކެވެ.

މަތިކިޅި ސަރަހައްދު ބެލެހެއްޓުމަށް މިއަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގައި ވަނީ ހިމަނާފައެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން، ޕީއެސްއައިޕީގެ ބަޖެޓުގައި ހިމެނޭ 300،000 (ތިން ލައްކަ ރުފިޔާ) ހިމެނޭގޮތަށް މިނިސްޓްރީއިން ޕްލޭން ކޮށްފައިވާ ގޮތަށް މަތިކިޅި ސަރަހައްދު ހިންގައި، ބަލަހައްޓާ އަދި ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެއެވެ.