English Edition
Dhivehi Edition
ށ. ފީވަކު ބަނދަރު - ފޮޓޯ: އެމް.ޓީ.ސީ.ސީ

ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމާ ގުޅިގެން އެ ރަށު ކައުންސިލް ޖޫރިމަނާކޮށްފިއެވެ.

އެންވަރަޔަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ،ޕީ.އޭ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ 07 އޮކްޓޯބަރ 2022 ވަނަ ދުވަހު އެ އެޖެންސީއަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގައި، އެ އެޖެންސީން ބެލި ބެލުންތަކާއި އެއްކުރެވުނު މަޢުލޫމާތުތަކުން، މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ށ. ފީވަކު ގޮނޑުދޮށުން ނަގައި ކުޑަކުދިން ކުޅޭ ޕާކެއް ތަރައްޤީކުރުމަށްޓަކައި ބޭނުންކޮށްފައިވާކަން ސާބިތުވެފައިވާކަމަށެވެ.

އެހެންކަމުން، ޤާނޫނު ނަންބަރު:93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އިން ލިބިދޭ ބާރުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު ނަންބަރު 2011/R-9 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ގަވާއިދުގެ ޖަދުވަލު 2 ގެ ދަށުން 83,525.00 (އަށްޑިހަ ތިންހާސް ފައްސަތޭކަ ފަންސަވީސް) ދިވެހި ރުފިޔާ އިން މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ ޖޫރިމަނާ ކުރެވިފައިވާ ކަމަށް އީ.ޕީ.އޭ އިން ބުނެފައިވެއެވެ.

މީގެ އިތުރުން، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް 12 ޖަނަވަރީ 2023 ގައި މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާއަށް އަންގާފައިވާ ކަމަށްވެސް އީ.ޕީ.އޭ އިން ބުނެފައިވެއެވެ.