ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫއަކީ ހުވަދޫ އަތޮޅުގައި މީހުންދިރިއުޅޭ މަލަފެހި، ޗާލު ދޮންވެލި ގޮނޑުދޮށެއް ލިބުމުގެ އިތުރުން ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރަށެކެވެ. ރަށުގެ ގުދުރަތީ ރީތިކަން އިތުރުކޮށްދެނީ ރަށުގެ ވަށައިގެން ހެދިފައިހުރި ގަސްތަކާއި ބިޔަބޮޑެތި ރުއްތަކުންނެވެ. ރަތަފަންދޫއާއި އެއްފަޅެއްގައި ގިނަ އަދަދެއްގެ ފަޅުރަށްތައް ހިމެނިފައި ވުމަކީ ރަށުގެ ރީތިކަން ރަމްޒުކޮށްދޭ ކަމެކެވެ. މުޅިރަށްވަށާލައިފާވާ ހިމުންދޮންވެލި ގޮނޑުދޮށުގެ ހުރަހަކަށްވަނީ ރަށުގެ އިރުމަތިފަރާތުގައި ހެދިފައިވާ ބަނދަރު އެކަންޏެވެ. ރަށުތެރެއިން ބަލާލި ކޮންމެ ދިމަލަކުން ފެންނަނީ ފެހިކަމެވެ.
ރަތަފަންދޫ ރައްޔިތުންނަކީ ޒަމާނުއްސުރެ އަމިއްލަ މަސައްކަތުން މަންފާ ހޯދައިގެން ރަށުގައި ވަޒަންވެރިވެ އުޅޭބައެކެވެ. މަސް ކައްކާހިއްކުމާއި ވަޑާމުގެ މަސައްކަތްތަކަށްވެސް މަޝްހޫރު ވަޑިން ތިބިރަށެކެވެ. ތަޢުލީމީ ޤާބިލް އެތަކެއް ޒުވާނުން ތިބި ރަށެކެވެ. އޯ ލެވެލް ފެންވަރުން ފެށިގެން ޕީ އެޗް ޑީ ފެންވަރުގެ ތައުލީމީ ދަރީން އެބަތިއްބެވެ. ނަމަވެސް ހިތާމައަކީ އެ ކިޔެވުނު އިލްމެއްގެ ބޭނުންކޮށްގެން ރަށާއިމެދު ވިސްނުނީ މަދުމީހަކަށް ކަމުގައިވާތީއެވެ. އެބައި މީހުންނަށް ވިސްނުނުނަމަ ރަށުގެ ހާލަތު މިހިސާބުގައި ނޯންނާނެއެވެ.
ބައިނަލް އަޤްވާމީގޮތުން ފާހަގަކުރާ ތިމާވެށީގެ ދުވަސް ފާހަގަކުރާއިރު ދެރަ ވަނީ ރަތަފަންދޫގައި ނެތި ފަނާވަމުންދާ ކަނޑޫފަލާ މެދު ވިސްނާނެ ރަތަފަންދޫގެ ދަރިޔަކު ނެތީމައެވެ. ރަށުގައި ވަރުވަރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތައް އެބަހުއްޓެވެ. ނަމަވެސް މިބައިމީހުންގެ ހަމައެކަނި ވާޖިބަކީ ކުޅިވަރު ކުޅުމާއި ކުޅިވަރު އިންތިޒާމް ކުރުމެވެ. ހިތާމަ ކުރަންޖެހެއެވެ. ރަށުގެ ގުދުރަތީ ރީތިކަން ފުރިހަމަކޮށްދޭ މިފަދަ އަގުހުރި ޚަޒާނާތަކުން ލާބަޔާމަންފާ ލިބެންވީ ވަގުތުގައި އެތަންތަން ނެތިދިޔުމަށް ދޫކޮށްލަންވީތޯއެވެ.
ރަތަފަންދޫގެ ދެކުނުފަރާތުގައި އުފެދިފައިވާ ކަނޑޫފަލަކީ 500 ފޫޓު ދިގު 300 ފޫޓު ފުޅާމިނުގައި ހުންނަ ބޮޑު ކަނޑޫފަލެކެވެ. ގަނަ އަދަދަކަށް ކަށިކޭލާއި ކަނޑޫގަސް ހެދިފައިވާ އިރު މާވަށް އަދި ބުރެވިގަސް ކޮންމެވެސް ވަރަކަށް ހެދިފައި ހުރެއެވެ. މީގެ 20 ވަރަކަށް އަހަރުކުރީގައި މި ކަނޑޫފާ އޮންނަނީ ރަށުގެ ވަރަށް އެތެރޭގައެވެ. ނަމަވެސް މިހާރު މޫސުމަށް އަންނަ ބަދަލާގުޅިގެން ރަށުގެ ބޮޑު ބައެއް ގިރިގެން ގޮސްފައިވުމުން މި ކަނޑުފާވަނީ ރަށުގެ ހޭޅިފަށާއި ކައިރިވެފައެވެ. ގިރަމުންދާ ސަރަހައްދު ހިމާޔަތް ނުވެވިއްޖެނަމަ މި ކަނޑުފަލުގެ ގުދުރަތީ ރީތިކަން ގެއްލިދާނެކަމުގެ ބިރު އެބައޮތެވެ. ކަންބޮޑުވާންޖެހޭ އަނެއްކަމަކީ މިހާރު މިކަނޑޫފަލުގެ ގަސްތަކަށް އާދަޔާޚިލާފު ކަމެއްދިމާވާ މައްސަލައެވެ. ގަސްތަކުގެ ފަތްތަކަށް ރީނދޫކުލަ އަރާފައި ގަސްއެއްކޮށް ހިކެނީއެވެ. މިގޮތަށް ކަނޑޫފަލުގެ 100 ވަރަކަށް ފޫޓުގެ ސަރަހައްދެއް އެކޮށް ހިކިފައިވާކަމަށްވެއެވެ. މިއީ ކަންބޮޑުވާންޖެހޭ ވަގުތެކެވެ. ރަށުކައުންސިލާއި ރަށުގެ ރައްޔިތުންވެސް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަން ޖެހެއެވެ. ރަށުގައި އުފެދިފައި ހުންނަ މިކަހަލަ ގުދުރަތީ ތަންތަނަކީ ރަށަށް ނުހަނު ބޮޑު ފައިދާ އެތަންތަނުން ކުރާ ތަންތަނެވެ. އެގޮތުން ކަނޑޫފަލާއި ކުޅިއަކީ ގުދުރަތީގޮތުން ފެންހިންދާ ނިޒާމެއްކަމަށް ކަމުގެ މާހިރުން ބުނެއެވެ. ކަންމިހެންހުރުމާއެކު ރަތަފަންދޫގެ ރައްޔިތުން މިކަމާ ވިސްނުން ބުއްދިވެރިއެވެ. ނުވަތަ މި ތަންތަނަކީ ކިހާ ފައިދާއެއް ކުރާނެ ތަންތަންކަން ނުވިސްނެނީ ބާއެވެ.
މިފަދަ ތަންތަނަކީ ހިމާޔަތް ކުރިވިގެން އަންނާން އޮތްޖީލަށް ފޯރޮކޮށްދޭންޖެހޭ ތަންތަނެވެ. ކުޑަކުދިންގެ ޑައިޕާސްތަކާއި ޕްލާސްޓިކު ފުޅިއަީ ރަބަރު ކޮތަޅު އެއްލާލާ ގޮނޑަކަށް ވެގެންނުވާނެއެވެ. އިގްތިސާދީ ބޮޑުބަދާލާއިއެކު ރާއްޖޭގައި ލޯކަލް ޓުއަރިޒަމް ތާރަފްވެގެން ރަތަފަންދޫއާ ހަމައަށްވެސް ދާނެކަން ކަށަވަރެވެ. މި ކަނޑޫފާ ސަފްތާހިރުކަމާއެކު ރީތިކޮށް ބޭއްވިއްޖެނަމަ، ގެސްޓުހައުސް ވިޔަފާރީގައި ބޮޑު މަންފާއެއް ލިބޭނެ ތަނެއްކަން ޔަގީނެވެ. ރަށުން ބޭރަށް ނުގޮސް ރަށަށް ލިބޭ މަންފާއިން ރަށަށް ލިބޭނީ އާރޯކަމާއި އާދިރުމެވެ.