English Edition
Dhivehi Edition

ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ގޫގަލް ކްލާސްރޫމް މެދުވެރިކޮށް ދަރިވަރުންގެ އިމްތިޙާން ބާއްވައިފިއެވެ.

ގދ. ތިނަދޫގެ މުޖުތަމައު ތެރެއިން ކޮވިޑް-19ގެ ބަލިމަޑުކަން ފެނިފައިވާ ދުވަސްވަރެއްގައި ގިނަ އަދަދެއްގެ ދަރިވަރުން އެއްތާވެ އިމްތިހާނުތަކުގައި ބައިވެރިވުމުން ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވާނެތީ އެސްކޫލުގެ ތިން ގްރޭޑެއްގެ ޖުމްލަ 307 ދަރިވަރުން ބައިވެރިވި މިއިމްތިޙާންތައް ފަށާފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ.

2020-2021 ވަނަ އަހަރުގެ ދެވަނަ ޓާރމްގެ އިމްތިޙާންތަކާއި ބެހޭގޮތުން އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން އެސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝިފާޒް ވިދާޅުވީ، މިއިމްތިހާންތައް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ސްކޫލުގެ މެނޭޖްމަންޓާއި މުދައްރިސުންނާއި އެންމެހާ މުވައްޒަފުންގެ އިތުރުން ބެލެނެވެރިންނާއި ދަރިވަރުންވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.

އިމްތިހާންތަކަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސް އެކްޒާމްތައް ދަރިވަރުންނަށް ދިނުމާއި ބެލެނެވެރިންގެ ދައުރު ހިއްސާކުރުމަށް އެބޭފުޅުންނަށް ވަކިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަން ޝިފާޒް ވަނީ ފާހަގަކޮށްފައެވެ.

އޮންލައިންކޮށް އިމްތިޙާންތައް ކުރިއަށްގެންދިއުމުގައި ދިމާވި ދަތިތައް ފާހަގަކުރައްވަމުން ޝިފާޒް ވިދާޅުވީ ގިނަ ދަރިވަރުންނަށް ގޭގައި އިންޓަނެޓް ލިބުމުގެ ދަތިތައް ހުރިކަމަށެވެ. އަދި އެފަދަ ދަރިވަރުންނާއި ގޭގައި ކޮމްޕިއުޓަރ، ލެޕްޓޮޕް، ޓެބްލެޓް ނުވަތަ ސްމާރޓް ފޯނު ފަދަ ވަސީލަތެއް ނެތް ދަރިވަރުން ސްކޫލަށް ހާޒިރުވެ އިމްތިހާނުގައި ބައިވެރިވާނެ އިންތިޒާމް އެސްކޫލުން ވަނީ ހަމަޖައްސާފައެވެ.

ފުރަތަމަ ފަހަރަށް އޮންލައިންކޮށް ގޫގަލް ކްލާސްރޫމް މެދުވެރިކޮށް ދަރިވަރުންގެ އިމްތިޙާން ފަށާފައިވާއިރު ބެލެނެވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝިފާޒް ވަނީ ޝުކުރު ދަންނަވާފައެވެ.