ކޮވިޑް-19 އާއި ގުޅިގެން ގއ ވިލިނގިލީގެ ގިނަ ގެތަކެއް ކަރަންޓީނު ކުރެވިފައިވާތީ އެ އާއިލާތަކަށް އެރަށު “ކަރަވައްތާ” ދޯނީގެ ފަރާތުން ކަނޑުމަސް ހަދިޔާ ކޮށްފިއެވެ.
ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުހައްމަދު އޭއޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށު “ކަރަވައްތާ” ދޯނިން މިއަދު 285 ކަނޑުމަސް ކަރަންޓީން ކޮށްފައިވާ ގެތަކަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 500 ކިލޯގެ މަހެވެ.
ވިޝާލް ވަނީ ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ނަމުގައި އެ ދޯނީގެ ވެރިފަރާތާއި، ދޯނީގެ ކެޔޮޅު އަދި ހުރިހާ ފަޅުވެރިންނަށް ޝުކުރު އަދާކުރައްވާފއެވެ. އަދި ހަމަ އެހެންމެ، އިއްޔެ ލާމް “ފަހިމަގު” ދޯނިންވެސް ކަރަންޓީން ކުރެވިފައިވާ ގެތަކަށް މަސްހަދިޔާކޮށްފައި ވާތީ “ފަހިމަގު” ދޯނީގެ އޮޑިވެރިޔާ އަދި ހުރިހާ ފަޅުވެރިންނަށްވެސް ކައުންސިލް ،ޓާސްކްފޯސް އަދި ވިލިނގިލީގެ ހުރިހާ ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށް ވިޝާލުވެފައިވެއެވެ.
ކަރަވައްތާ އަދި ފަހިމަގު ދޯނިން ހަދިޔާކުރި މަސްތައް ގޭގެއަށް ފޯރުކޮށްދީފައިވަނީ ކޮވިޑާ ގުޅިގެން އެރަށުގައި ގާއިމުކޮށްފައިވާ ޓާސްކްފޯސް އާއި ސޯޝަލް ސަޕޯޓް ޑެސްކްގެ ޓީމުގެ އެހީތެރިކަމާއި އެކުގައެވެ. ވިލިނގިލީގައި 235 ގެ ކަރަންޓީނު ކުރެވިފައިވާއިރު، ހުރިހާ ގެތަކަށް ވަނީ އިއްޔެ އާއި މިއަދުވެސް މަސް ހަދިޔާ ކޮށްފައެވެ.
ގއ ވިލިނގިލީގައި ކޮވިޑް 19ގެ ބަލިމަޑުކަން ފެތުރި އެރަށް މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ. ވިލިނގިލީގައި މިހާތަނަށް 54 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ބަލިޖެހުނު 17 މީހަކު ރަގަނޅުވެ، އެކްޓިވް ކޭސްގެ އަދަދު މިހާރު ވަނީ 37 ކަށް ދަށްވެފައެވެ.