ގދ. އަތޮޅުގެ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އީ.އޯ.ސީ)ގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގދ. އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް އެންމެ ގޯސް ހާލަތަކަށްވެސް ތައްޔާރުވުމަށް ވަސީލަތްތައް ހުރިނެތް މިންވަރު ދެނެގަތުމުގެ ގޮތުން ކާބޯތަކެތި މިވަގުތު އަތޮޅުގެ ރަށްތަކުގައި ހުރި މިންވަރާއި އެތަކެތި ބޭނުންވާނެކަމަށް ލަފާކުރެވޭ މިންވަރެއް ހޯދުމުގެ މަޝްވަރާތައް މިބައްދަލުވުމުގައި ކުރެވުނެވެ. އަދި ބަލި ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމާއި ބަލިން ދިފާއުވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާއި މެދު އާންމުން ހޭލުންތެރިކުރުމުގެ ވާހަކަތަކެއްް މިބައްދަލުވުމުގައި ދެކެވުނެވެ.
މި ބައްދަލުވުމަށްފަހު އޭ.އޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފައިހަތު ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ސަރުކާރުން އެއަތޮޅުގައި ގާއިމްކުރުމަށް ނިންމާފައިވާ ޕީ.ސީ.އާރު ޓެސްޓުކުރާނެ ފެސިލިޓީގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ތިނަދޫ ކޮވިޑް ފެސިލިޓީގެ މެނޭޖަރު ޑރ. އާޒިމް އަބްދުއް ޝުކޫރުގެ އެދިލެއްވުމުގެ މަތިން ސަރުކާރުގައި ދަންނަވާފައި ވާނޭ ކަމަށެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މިއަދު އޮންލައިންކޮށް ކުރިއަށްގެންދިޔަ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله އެވެ. ކޮވިޑް19-އާއި ގުޅިގެން އަތޮޅުތަކުގެ ހާލަތު މޮނިޓަރކޮށް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގދ. އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓުގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ޒިފްލީނާ ޙަސަންގެ އިތުރުން ފުލުހުންގެ މުއައްސަސާއާއި ހޮސްޕިޓަލުގެ އިސްވެރިންވެސް މިބައްދަލުވުމުގައި ބައިވެރިވިއެވެ.
ގދ. އަތޮޅުގެ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭ.އީ.އޯ.ސީ)ގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވުނީ މިދިޔަ އަހަރުގެ ނޮވެންބަރު މަސް ހިސާބުގައެވެ. ގދ. އަތޮޅުގެ އަތޮޅު ކައުންސިލް މެންބަރުންގެ ގޮތުގައި ކުރިން ތިއްބެވި ގިނަ މެންބަރުންތަކެއް ވަނީ ދައުރު ނިމުމުގެ ކުރިން ކައުންސިލުގެ މަގާމުން އިސްތިއުފާ ދެއްވާ ސަރުކާރުގެ އެހެނިހެން ސިޔާސީ މަގާމުތަކާއި ހަވާލުވެ ވަޑައިގެންފައެވެ.