ގދ. ރަތަފަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ގިނަ ޝަކުވާތައް ކައުންސިލަށް ބަންޑުންކޮށްލައިފި ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.
ރަތަފަންދޫ ކައުންސިލް މެމްބަރ އަމާނީ މުއީން އޭ އޯ ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އަލަށް އިންތިޚާބުވެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވި ކައުންސިލަށް ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާކަމަށެވެ. ” އަޅުގަނޑުމެން ކައުންސިލާ ހަވާލުވީއްސުރެ ރައްޔިތުންގެ ޝަކުވާއާއި އެބޭފުޅުންގެ ހިތުގެ އުދާސްތައް އަޑުއަހަމުން މިދަނީ. އެންމެ ގިނައިން ޝަކުވާ އަންނަމުންދަނީ ރަށުގެ ފެންބޮޑުވުމަށް ހައްލެއް ނުލިބި އޮތުމާއި ރަށުގެ ގިރާސަރަހައްދު ހިމާޔަތް ކޮށްދިނުމަށާއި ރަށުގެ މަގުބައްތި ނެތުމުގެ ޝަކުވާއާއި ޒުވާނުންގެ މަރުކަޒެއް ނެތުމުގެ ޝަކުވާއާއި ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަކަށް ބަދަލުކޮށްދިނުމާއި ކުނި މެނޭޖްކުރާނެ ތަނެއް ގާއިމް ކޮށްދިނުން. އަދިވެސް މި ނޫން ޝަކުވާތައް އެބަހުރި.” އަމާނީ ވިދާޅުވިއެވެ. އަދި އަމާނީ ވިދާޅުވީ ކައުންސިލް އިދާރާ އަކީ ވަޒީފާގެ މާހައުލަށް ފެތޭތަނެއްނޫން ކަމަށާއި، މުވައްޒަފަކު ފާޚާނަކޮށްލަންވެސް ދާންޖެހެނީ ޖެހިގެންހުންނަ ގެއަށް ކަމަށެވެ.
އަމާނީ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މި ޝަކުވާތައް ރައީސުލްޖުމްހޫރިއްޔާ އަށް އެރުވިފައިވާނެ ކަމަށާއި އަދި މިކަންތައްތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް ރައީސް ވައުދުވެ ވަޑައިގަންނަވާފައިވާ ކަމަށެވެ. ” މިރަށުގެ ކަންކަން މިހާ ދޯދިޔާވެގެން ގޮސްފައި މިވަނީ ކުރީގެ ސަރުކާރުގެ އިހުމާލުން. ސަރުކާރެއް ނިމި ދިޔައިރު މިރަށް އޮތީ ބާކީ ކޮށްފަ. ނަމަވެސް މިސަރުކާރުގައި ރަތަފަންދޫއަށް އާރޯކަން ލިބިގެންދާނެ”. އަމާނީ ވިދާޅުވިއެވެ.
ރަތަފަންދޫއަކީ ހުވަދޫ އަތޮޅުގައި މެދުފަންތީގެ އާބާދީއެއް އޮންނަ 500 އެއްހާ މީހުން ރަށުގައި ވަޒަންވެރިވެ ދިރިއުޅޭ ރަށެކެވެ.