English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން، މިއަދު ކެންސަލްކޮށްފި އެވެ.

މިއަދު 9:30 ގައި ދަށު ކޯޓަށް ހާޟިރުކޮށްގެން ބާއްވަން ތާވަލް ކުރި އަޑުއެހުން ކެންސަލްކޮށްފައިވަނީ ކޮވިޑު-19 ގެ ހާލަތާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ރޭ ނެރުނު ބަޔާނުގައި ބުނީ މި ދެ ދައުވާގެ އަޑުއެހުމަށް ހާޟިރުވުމަށް މިދިޔަ މަހުގެ 27 ގައި ތާވަލްކުރިކަމަށާއި އަޑުއެހުމަކީ ދުރާލައި ތާވަލުކުރެވިފައިވާ އަޑުއެހުމެއް ކަމަށެވެ.

އެހެންނަމަވެސް މި ދަނޑިވަޅަކީ ކޮވިޑްގެ ބަލިމަޑުކަން ވަރަށް ނުރައްކާތެރި ޙާލަތެއްގައިވާ ދަނޑިވަޅެއްކަމަށްވާއިރު، މި ބަލީގެ ނުރައްކާތެރިކަމުގެ ސަބަބުން މި ބަލިން ރައްކާތެރިވުމަށްޓަކައި، މި ދަނޑިވަޅުގައި ގެއިން ނިކުތުން ވެސް މަނާކުރެވިފައިވާއިރު، މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ރައީސް ޔާމީން ކޯޓަށް ހާޟިރު ކުރަނީ ޞިއްޙީ ނުރައްކަލަށް ހުށަހެޅޭ ގޮތައް ކަމަށެވެ.

އެ މަނިކުފާނުގެ ސިއްހަތަށް ނުރައްކާވާ ގޮތަށް ކޯޓަށް ހާޒިރުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ހައްގާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސްއެޅޭ ކަމެއްކަމަށް ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ކޮވިޑްގެ ބަލިމަޑުކަން ހަމައަކަށް އެޅި، ޢާންމު ޙާލަތަކަށް ދަންދެން ފަސްކޮށްދިނުމަށް ވަކީލުންގެ ޓީމުންވަނީ އެދިފައެވެ.