ފެންވެރުމަކީ އަހަރެމެން ހަމަ ކޮންމެ ދުވަހަކުވެސް ކުރާ އަދި ކުރަން ޖެހޭ މުހިއްމު ކަމެކެވެ. ފެންވެރުމުން ތިމާގެ ކިބައިގައިވާ ލޮޑުކަމާއި ކަންނެތްކަން ފިލައި މީހާ އަށް ތާޒާކަން ލިބިގެންދެއެވެ. އެހެނަސް ފެންވެރުމުގައި ބައެއް މީހުން ގެންގުޅޭ ނުރަގަނޅު އާދަތަކުގެ ސަބަބުން ސިއްޙީ ތަފާތު އެކިކަހަލަ މައްސަލަތަކާއި ކުރިމަތިވާތަން އާދެއެވެ. އެގޮތުން ކައިގެން ވަގުތުން ފެންވެރުމަކީ ގިނަ ބައެއްގެ ކިބައިގައި ހަރުލާފައިވާ އެކަމުން ދުރުހުރެލިވާން ޖެހޭ އާދައެކެވެ. އަހަރެމެންގެ އަވަދިނެތި ދިރިއުޅުމުގެ ތެރެއިން ހެނދުނު ހެނދުނާ ހޭލައިގެން އަވަސް އަވަހަށް ހެނދުނުގެ ނާސްތާ ކޮށްލައިގެންވެސް ބައެއް މީހުން ފެންވަރަން ވަދެއެވެ. ބޭނުމަކީ ތާޒާ ކަމާއެކު އެ ދާތަނަކަށް ދިއުމެވެ. ނަމަވެސް ސިއްހީ މާހިރުން ބުނާ ގޮތުން ނަމަ ކައިގެން 2 ގަޑި އިރު ފެންވެރުމާއި ދެމެދު މަޑުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ސަބަބަކީ ކައިގެން ވަގުތުން ފެންވެރުމުން ކާތަކެތި ހަޖަމުކުރުމުގައި މައްސަލަ ދިމާވާތީ ކަމަށްވެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުން ކެއުމުން އަހަރެމެންގެ ބަނޑުގައި ހުންނަ ހަކަތަ އިތުރުވެގެން ދެއެވެ. އަދި ކާތަކެތި ހަޖަމުކޮށްދިނުމަށް އެހީތެރިވެދެއެވެ. އެހެނަސް ކައިގެން ވަގުތުން ފެންވެރުމުން މި ހަކަތަ ނުވަތަ ހޫނުމިން ކުޑަވެގެން ދެއެވެ. އެހެންކަމުން ހަޖަމުކުރުމުގެ ބައި ދަށްކޮށްދެއެވެ. ހަމަ އެއާއެކު ހަށިގަނޑުގެ ލޭ ދައުރުވުން ލަސްކޮށްދެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ލޮޑުކަމާއި ކަންނެތްކަން ވެރިކުރުވައެވެ.
މީގެ އިތުރުން ފެންވެރުމުން މިހާގެ ހިތުގެ ހިނގުން އަވަސް ވެއެވެ. ބަނޑުފުރެންދެން ކައިގެން ހުންނަ އިރު ފެންވެރުމުން އުނދަގޫވާ އެއްސަބަބަކީ ވެސް މިއީއެވެ.
ޕްރޮޓީން ގިނަ ނުވަތަ ފައިބާ ނުވަތަ ފެޓްސް ، ކާބޯހަޑްރޭޓްސް ގިނަ ކާނާ ކައިގެން ހުރެ ވަގުތުން ފެންވެރުމުން މޭއެންދުން ފަދަ އުނދަގޫތަކާ ވެސް ދިމާވާ ކަމަށް ވެއެވެ. ނަމަވެސް މޭވާ އަދި ތަރުކާރީ ސެލެޑް ފަދަ އެއްޗެއް ކައިގެން އަވަހަށް ފެންވެރުމުން އެފަދަ އުނދަގޫތަކާއި ކުރިމަތިލާ މިންވަރު މަދުކަމަށް މާހިރުން ބުނެއެވެ.
އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކައިގެން ވަގުތުން ފެންވެރުމަށް އާދަވެފައިވާ މީހުންނެވެ. އަހަރެމެންނަށް ގަބޫލު ކުރެވެނީ އެއީ ހަމަ އާދައިގެ ކަމެއް ކަމަށެވެ. އެހެނަސް ހަށިގަނޑަށް ލޮޑުކަމާއި ވަރުބަލިކަން އިޙްސާސް ކުރެވޭނަމަ ނުވަތަ އާންމުކޮށް ބަނޑުހިކުމުގެ އުނދަގޫ ކުރިމަތިވާނަމަ ނުވަތަ ނިދުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނަމަ މިއޮތީ ސަބަބު އެނގިފައެވެ. މިކަން ތައް ތަކުން ސަލާމަތް ވުމަށްޓަކައި އާދަވެގެން ކާ ގަޑިތަކުގައި ކެއުމަށް ސަމާލުކަން ދޭށެވެ. އަދި ކެވުނު ތަކެތި ރަނގަޅަށް ހަޖަމު ކުރުމަށް ވަގުތު ދޭށެވެ. މީގެ ނަތީޖާ އަކަށް ވެގެން ދާނީ ހަންގަނޑު ރީތި ވުމާއި ބަނޑުހިކުމުގެ އުނދަގުލުން ސަލާމަތް ވުމާއި ތިމާގެ މޫޑު ރަނގަޅުވެ އުފާވެރިކަންމަތީގައި ހުރެވުމެވެ.
ތަނަކަށް ދާން ލަސްވެގެން އުޅޭނަމަ އެންމެ ފުރަތަމަ ފެންވަރާށެވެ. އަދި އޭގެ ފަހުން ކެއުމަށް އިންސާފު ކުރާށެވެ!