English Edition
Dhivehi Edition
ވެމްކޯ

ރޯދަ މަހުގެ މިހާތަނަށް ހުޅުމާލޭގެ ދެ ފިޔަވަހިން 700 ޓަނަށްވުރެ ގިނަ ކުނި ނަގާފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކޮށް މައުލޫމަތު ދެމުން ވެމްކޯއިން ބުނީ ރޯދަ މަހު ތައްޔާރުވުމުގެ ގޮތުން އާންމުން ނެރެފައިވާ ކުނިތައް ރޯދަ މަސް ފެށުމުގެ ދެ ދުވަސް ކުރިން ސާފުކުރިކަމަށް. އެގޮތުން 272 ޓަނުގެ ކުނި ސާފުކުރިކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނީ އާންމުގޮތެއްގައި ހިޔާ ސަރަޙައްދުގެ ކުނި ނަގާ މަރުކަޒުތަކުން ނަގަމުން ގެންދަނީ ވެޓް ވޭސްޓްކަމަށް. އެހެންނަމަވެސް އުސުލުން ބޭރުން ހިފާ ގެންގުޅޭ ސާމާނާއި އެހެނިހެން ސާމާނުވެސް ގެނެސް އެ މަރުކަޒުތަކުގެ ގޯޅި ތެރޭގައި ބަހައްޓާފައިވާކަމަށެވެ.

މިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަގު ދީގެން އުކާލަން ޖެހޭ ކުނި އުކާލުމުގެ ބަދަލުގައި ވެމްކޯގެ ވެޓް ވޭސްޓް ކަލެކްޓް ކުރާ މަރުކަޒުތަކުގެ ކައިރީގައި ބެހެންޓުންކަމަށް ވެމްކޯއިން ބުނޭ. މިހެންވުމުގެ ސަބަބުން އެއްތަނެއްގައި ބޮޑެތި ކުނިތައް ގިނަވަމުންދާމަށް ވެމްކޯއިން ބުނެެއެވެ.

ވެމްކޯއިން ބުނީ ރޯދަ މަސް ފެށިގެން މިހާތަނަށް އައިއިރު ހިޔާ ސަރަޙައްދުން އެކަނިވެސް 400 ޓަނުގެ ކުނި ސާފުކޮށްފައިވާކަމަށެވެ. ކުނީގެ މައްސަލަ ބޮޑުވުމާގުޅިގެން ވެމްކޯގެ އޮޕްރޭޝަން ހަރުދަނާކުރުމުގެ ސަބަބުން މިހާރު ކުނީގެ މައްސަލަ ހަމަޔަކަށް އެޅިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އެހެންނަމަވެސް އެހެން އަހަރުތަކަށްވުރެއް ހީވެސް ނުކުރާވަރަށް ހިޔާ ސަރަޙައްދުގައި ކުނި ގިނަވެގެން ދިޔަކަމަށް ވެމްކޯއިން ބުނެއެވެ.

ހުޅުމާލޭގެ ދެ ފިޔަވަހިން އެއްކޮށް ޖުމްލަ 700 ޓަނަށްވުރެ ގިނަ ކުނި ނަގާފާއިވާކަމަށް ވެމްކޯއިން ބުނެއެވެ. އަދި އެހެން އިދާރާތަކުންވެސް ސާފުކުރުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވާތީ މިއަދަދު މިއަށްވުރެއްވެސް އިތުރުވާނެކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. މިގޮތުން އެޗްޑީސީން ވެސް ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގާފައިވާކަމަށާއި, މިހެންކަމުން 700 ޓަނަށްވުރެ ގިނަ ކުނި ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭކުން ނެގިފައިވާނެކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން ބުނީ ރޯދަ މަސް ފެށިގެން އައިއިރު ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވިނަމަވެސް މިހާރު އެކަން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައިވާކަމަށް. އެހެންނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް ގަވާއިދާ ހިލާފަށް ކުނި އުކަމުންދާކަމަށް ވެމްކޯއިން ބުނެއެވެ.