English Edition
Dhivehi Edition

ގދ. ތިނަދޫގައި މިފަހުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 62 އިންސައްތައަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި މީހުންކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިފަހުން ގދ. ތިނަދޫގައި ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 183 އަށް އަރާފައެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 114 (62 އިންސައްތަ) މީހުން، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި 41 (22 އިންސައްތަ) މީހުން، ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގުނު 15 (08 އިންސައްތަ) މީހުން އަދި ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގުނު 13 (07 އިންސައްތަ) މީހުންނެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ 21:30އިން ފެށިގެން 27 ވަނަ ދުވަހުގެ 21:30އާއި ހަމައަށް ތިނަދޫގައި ޖުމްލަ 08 މީހުން ފައްސިވެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަދަދު މިވަނީ 101 އަށް އަރާފައެވެ. މީގެތެރެއިން 02 މީހުންނަށް ފަރުވާ ދެމުންދަނީ ތިނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެންނެވެ.

އެންމެފަހުން ފައްސިވެފައިވާ 08 މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 06 މީހުންގެ އިތުރުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި 02 މީހުން ހިމެނެއެވެ.

ގދ. ތިނަދޫގައި މިހާތަނަށް ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި ޖުމްލަ 2،454 ސާމްޕަލް ނަގާފައިވެއެވެ. މީގެތެރެއިން ނަތީއްޖާ ނުލިބި 162 ސާމްޕަލެއް ވެއެވެ. އަދި ބައްޔަށް ޓެސްޓުކުރުމަށް ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 54 ސާމްޕަލް ނަގާފައިވެއެވެ.

ބައްޔަށް ފައްސިވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވުނު 233 މީހުން 134 ގެއެއްގައި ވަނީ ކަރަންޓީން ކުރެވިފައެވެ. މީގެތެރެއިން 14 ގެއަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަރަންޓީން ކުރެވުނު ގެތަކެވެ.