ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަހަރުތެރޭ ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާ ފެށިގެންދާނެކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އަޝްރަފް ވިދާޅުވީ، މިއަހަރު ވެގެންދާނީ ހުވަދުއަތޮޅުގެ ސިއްހީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ އަހަރަކަށް ކަމަށެވެ. އެގޮތުން މިއަހަރުތެރޭ އެ ހޮސްޕިޓަލުގައި މުޅިން އައު ހިދުމަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކުގެ ފަރުވާއަށް ޑރ.އބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އޮންނަ ޑިމާންޑު އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން އަޝްރަފް ވިދާޅުވީ އެ ހިދުމަތައް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފަރުވާ ހޯދޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކުގެ ފަރުވާގެ ހިދުމަތް މިއަހަރުތެރޭ ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އަޝްރަފު ވިދާޅުވީ އެ ހޮސްޕިޓަލުގައި މި ހިދުމަތްތައް ގާއިމްކުރެވުމާއެކު އެއާ އެމްބިއުލާންސްއަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށެވެ. މި ހިދުމަތްތައް ފެށުމަށް މި އަހަރުތެރޭ އެ ހޮސްޕިޓަލަށް އިތުރު 30 މުވައްޒަފުން ނެގިގެންދާނެކަން ފާހަގަކޮށް އަޝްރަފް ވިދާޅުވީ ހޮސްޕިޓަލުގައި އަލަށް ގާއިމްކުރެވޭ ހިދުމަތްތަކާއެކު، ހިދުމަތްތަކަށް ބޭނުންވާ ހާއްސަ ޑޮކްޓަރުން ގަނައުމުގެ މަސައްކަތްތަކާއި، މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާ ކަމަށެވެ.