English Edition
Dhivehi Edition
އައްޑޫ ޕޮލިސް އެކެޑެމީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އެއް ޤާއިމު ކުރަން އިންޑިއާގެ ކެބިނެޓުން ނިންމީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗެއާ ކުރެއްވި ޔޫނިއަން ކެބިނެޓްގެ ބައްދަލުވުމެއްގައެވެ. އެގައުމުން ވަނީ ރާއްޖެއަކީ އެގައުމުން ގެންގުޅެމުން އަންނަ “ނައިބަހުޑް ފަސްޓް ޕޮލިސީ” އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ވަރަށް މުހިންމު ގައުމެއްކަމުގައި ފާހަގަކޮށްފައެވެ.

އިންޑިއާގެ ސަރުކާރުން ބުނީ އިންޑިއާގެ މިޝަންއެއް އައްޑޫ ސިޓީގައި ގާއިމް ކުރަން ނިންމާފައިވަނީ އެ ގައުމުގެ “ސަބްކާ ސާތް ސަބްކާ ވިކާސް” ނުވަތަ އިންޑިއާ އިން ފުދުންތެރި ގައުމަކަށް ވުމަށާއި، ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ، އަދި އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން، ރާއްޖޭގައި އިންޑިއާގެ ޑިޕްލޮމެޓިކް ޕްރެސެންސް އިތުރަށް ވަރުގަދަ ވާނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދެހިވެފައިވާކަން ފާހަގަކޮށް އިންޑިއާއިން ބުނީ އެގައުމާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން އިންޑިއާގެ ކުންފުނިތަކަށް ވިޔަފާރީގެ ކުރިއެރުން ލިބި މުދާ އެކްސްޕޯޓު ކުރުމުގައި އެހީތެރިކަން ލިބިގެން ދާނެއެވެ. އިންޑިއާއިން ބުނީ މިއީ ސެލްސް ސަފިޝަންޓް އިންޑިއާއަކަށް ވުމަށް ކުރާ މަސައްކަތާ ވެސް ސީދާ ގުޅުން ހުރި ކަމެއްކަމަށެވެ.

މާލެ އިން ބޭރުގައި، ގައުމަކުން ހުޅުވާ ފުރަތަމަ ކޮންސިއުލޭޓް އައްޑޫ ހިތަދޫގައި ގާއިމުކުރަން އިންޑިއާ އިން ބޭނުންވާއިރު، އެތަނުގެ ހިދުމަތް އަމާޒު ކޮށްފައި ވަނީ އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅަށެވެ. އެހެންނަމަވެސް މި ނިންމުންވެގެން ދިޔައީ އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން އެކަމާއި ވަރަށް ދެކޮޅު ނިންމުމަކަށެވެ. މިކަމާއި ގުޅިގެން މީސް މީޑިއާގައި ވަނީ “ސޭވް އައްޑޫ” ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށައިފައެވެ. އައްޑޫގެ ގިނަ ޒުވާނުން ދަނީ މި ކެމްޕޭންގައި ބައިވެރިވެ ޓްވިޓާގައި އަޑު އުފުލަމުންނެވެ. އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ވެސް މި ކެމްޕެއިންގައި ބައިވެރިވެ އިއްޔެ ކުރި ޓްވީޓެއްގައި ބުނީ މުޅި އައްޑޫ ސިޓީގެ ޒުވާނުން އެ ކަމާ ދެކޮޅަށް ތެދުވެއްޖެ ކަމަށެވެ. އެހެންކަމުން އައްޑޫ ތަރައްގީ ކޮމިޓީން ވެސް ޒުވާނުން ކުރިއަށް ގެންދާ “ސޭވް އައްޑޫ” ކެމްޕޭނަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް އެ ޓްވީޓްގައި ލިޔެފައިވެއެވެ. އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމަށް ތާއިދުކުރާ ބަޔަކުވެސް ތިބިއިރު މިހާރު ވަނީ ސޯޝަލް މީޑިއާގައި މިކަމާއި ގުޅޭ ބޮޑު ބަހުސެއް ފެށިފައެވެ. މިކަމަށް ތާއިދުކުރާ މީހުން، ކޮންސިއުލޭޓެއް ހުރުމުން ވާނެ ފައިދާ އާއި ބެހޭ ގޮތުން ވާހަކަދައްކަމުން އަންނައިރު މިކަމާއި ދެކޮޅު މީހުން އަންނަނީ ފަލަސްތީނާއި، ސީރިއާ ފަދަ ގައުމުތަކުން މިސާލު ނަގާ މިކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

މިކަންބޮޑުވުންތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑޫގައި ޤާއިމުކުރުމަށް ނިންމި ނިިންމުމަކީ އިންޑިޔާ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެ ނިންމުމާ ގުޅޭ ކަންކަން އިންޑިއާއިން ހިއްސާކުރާނެ ކަމަށާއި، އަދި އެކަމުގައި ގޮތެއް ނުނިންމަވާ ކަމަށެވެ.

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު:

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމަކީ މިސިޓީގެ ތަރައްގީއާއި ގުޅިފައިވާ ކަމެއް ކަމަށާއި އެކަމަށް ސިޓީ ކައުންސިލްގެ އެއްބާރުލުން އޮންނާނެ ކަމަށް އަލީ ނިޒާރުވަނީ ވިދާޅުވެފައެވެ. އައްޑޫ ގަމުން ބައިނަލްއަގްވާމީ ދަތުރުތައް ކުރާއިރު، އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދައިދިނުމުގައި ވެސް ކޮންސިއުލޭޓުން މުހިންމު ދައުރެއް އަދާކުރާނެކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ އައްޑޫގައި މިހާރު ވެސް އިންޑިއާ އިން 200 މިލިއަން ޑޮލަރުގެ މަޝްރޫއު ހިންގާއިރު، އެ ގައުމުގެ ކޮންސިއުލާ އޮފީހެއްގެ މުހިންމުކަން އިހުސާސުކުރެވޭ ކަމަށެވެ. އިތުރަށް ނިޒާރު ވިދާޅުވީ އިންޑިއާ ނޫނަސް އެހެން ގައުމުތަކުގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވަން ބޭނުންވިޔަސް އެކަމަށް ޖާގަ ނުދޭންޖެހޭ ސަބަބެއް ނެތްކަމަށެވެ. އިތުރަށް ނިޒާރު ވިދާޅުވީ ނުފޫޒު ފޯރުވުން ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދެރަ ވާހަކަތަކެއް ކަމަށާއި މި ގޮތަށް ރާއްޖެ އަށް ދޭ ކޮންމެ އެހީއަކީ ނުފޫޒު ކަމަށް ބުނާ ނަމަ އެ ލިސްޓު ވަރަށް ދިގުވާނެކަމަށެވެ.

އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ):

އަވަށްޓެރި ގައުމުތަކުގެ ކޮންސިއުލޭޓްތައް ހުރުމަކީ ސީދާ އައްޑޫ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށާއި އެއީ އައްޑޫގެ ގިނަ ރައްޔިތުންގެ ދުވަސްވީ އެދުމެއްކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ. އައްޑޫގައި ބޭރު ގައުމުތަކުގެ ކޮންސިއުލޭޓް އޮފީސްތައް ބެހެއްޓުމަކީ އަލަށް ދެކެވޭ ވާހަކަތަކެއް ނޫން ކަން ފާހަގަކޮށް ސޯބެ ވިދާޅުވީ އައްޑޫއިން އިންޑިއާ އާއި ސްރީލަންކާއަށް ދަތުރު ކުރާ މީހުނަށް ސީދާ އައްޑޫއިން ވިސާ ލިބޭނެ ގޮތަކަށް ހެދުމަކީ އަބަދުވެސް އައްޑޫ ރައްޔިތުން އެދެމުންދާ ކަމެއް ކަމަށެވެ. ސޯބެ ވަނީ ސިޔާސީ މަންފާއަށް ކޮންސިއުލޭޓް ބެހެއްޓުމާ ދެކޮޅަށް ބަޔަކު ދައްކަމުން ދަނީ ހަރުދަނާ ކަމެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ޕްރޮފެސަރު ހަސަން އުގެއިލް:

އުގެއިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫގައި އެހެން ޤައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއް ތޯ އެނގެންޖެހޭ ކަމަށެވެ. އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީގޮތުން މިހާރު ފެންނަން ޖެހޭ ކަމަށް އުގެއިލް ވިދާޅުވިއެވެ. އަދި މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތް ވުންވެސް އެކަށީގެންވާކަމަށް އުގެއިލްވަނީ ވިދާޅުވެފައެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު:

އިންޑިޔާ އިން ރާއްޖޭގެ އެތެރެއަށް ވަންނަމުންދާ ދިޔުމަކީ ދިވެހިންގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް ގާބޫލު ކުރަން ދަތިވެފައި ތިބި މަދު ބަޔަކަށް އިންޑިއާއިން އެ ކުރަހާ ބޮޑު މަންޒަރު، އިތުރަށް ސާފުވެގެން ދާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ، ކޮރަޕްޓް ވެރިންތަކެއްގެ އަތްދަށުގައި ގައުމެއް ތާށި ވެއްޖެނަމަ ކޮންމެ ފަދަ ނިކަމެތި ކަމެއްވެސް ތަހައްމަލު ކުރަން ޖެހިދާނެކަން ފާހަގަކޮށް އުމަރު ވިދާޅުވީ އިންޑިއާއިން ހެލިކޮޕްޓަރުތަކާ މަތިންދާ ބޯޓުތަކާ، އެ މީހުންގެ ސިފައިންނާ، ރާޑަރު ސްޓޭޝަންތަކާ، މިލަޓަރީ ބޭސް އެއްގެ ގޮތުގައި ބޭނުން ކޮށްލެވޭ ފެންވަރަށް ހަދަމުންދާ ތަމްރީން މަރުކަޒާ، އެފެންވަރަށް އުތުރު ތިލަފަޅުގައި ހެދުމަށް އެއްބަސް ވެފައިވާ މަރުކަޒާ، އެމީހުންގެ ކޮންސިއުލޭޓް އޮފީސްތަކާ، ރާއްޖޭގެ އެތަށް ސަރަހައްދަކަށް ފަތުރާލަނީ ރާއްޖޭގެ ސިޔާސީ ލީޑަރުން ގެ ދޫތަށް ބަންދު ކުރުމަށް ފަހު ކަމަށެވެ.

ސިޔާސީ ވާދަވެރިކަމާއި ފޯރީގައި ‘އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް’ ގައިމުކުރުމުގެ ބަހުސް ކުރިއަށްދާއިރު ގިނަ ބަޔަކު ހިތުގައި އުފެދިފައިވާ ސުވާލަކީ އިންޑިއާގެ ކޮންސިއުލޭޓެއް ގައިމުކުރުން އައްޑޫ ރައްޔިތުންނަށް ވާނީ ފައިދާބާއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިކަމުގެ ސަބަބުން %90 ފައިދާ ވަނީ އިންޑިއާއަށެވެ.