English Edition
Dhivehi Edition

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަވައި، ސަރުކާރުން ވައުދުވެފައިވާ ފަދައިން އިންޓަނެޓްގެ އައު އަގުތައް މިއަދު އިއުލާންކުރައްވައިފިއެވެ. ސަރުކާރުން އިންޓަނެޓްގެ އަގުތަކަށް ގެނައި ބަދަލުތައް މިއަދު އިއުލާންކުރެއްވިއިރު، ގޭގެއަށް ފޯރުކޮށްދޭ ރެސިޑެންޝަން ޕެކޭޖްތަކުގެ އަގުވެސް ވަނީ 28 އިންސައްތައާއި 30 އިންސައްތަ ކުޑަކޮށްފައެވެ. އަދި ގޭގެއަށް އިންޓަރނެޓް ދެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

ސަރުކާރުން އިއުލާނުކުރި އާ އަގުތަކާއި ތްރޮޓުލް ސްޕީޑު ހާއްސަކޮށްފައިވަނީ މައިގަނޑު ތިން ޕެކޭޖަކަށެވެ. އެއީ 5އެމްބީޕީއެސް، 15 އެމްބީޕީއެސް އަދި 25 އެމްބީޕީއެސްގެ ޕެކޭޖުތަކެވެ.

އެގޮތުން ތައާރަފްކުރުމަށް ހަމަޖެހިފައިވާ 3 ޕެކޭޖުތަކަކީ،

-250 ރުފިޔާއަށް 5 އެމްބީޕީއެސް ސްޕީޑުގައި 30ޖީބީގެ ޑާޓާ ލިބޭ، ތްރޮޓަލް ސްޕީޑް 2 އެމްބީޕީއެސްގެ ޕެކޭޖަކާއި،
-500 ރުފިޔާއަށް 15 އެމްބީޕީއެސް ސްޕީޑުގައި 100ޖީބީގެ ޑާޓާ ލިބޭ، ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސްގެ ޕެކޭޖަކާއި،
-700 ރުފިޔާއަށް 25 އެމްބީޕީއެސް ސްޕީޑުގައި 200ޖީބީގެ ޑާޓާ ލިބޭ، ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސްގެ ޕެކޭޖެކެވެ.

ވަކިވަކިން ޕެކޭޖުތަކަށް ބަލާއިރު، ދިރާގާއި އުރީދޫއިން މިހާރު ލިބެންހުރި 5އެމްބީޕީއެސް ޕެކޭޖުގެ އަގުން ގާތްގަނޑަކަށް 100 ރުފިޔާ ދަށްކޮށް، ތުރޮޓްލް ސްޕީޑު 1އެމްބީޕީއެސްއިން 2އެމްބީޕީއެސްއަށް ވަނީ މަތިކޮށްފަ އެވެ. އެގޮތުން މިހާރު ދިރާގު 5އެމްބީޕީއެސް ޕެކޭޖު ލިބެނީ 350 ރުފިޔާއަށެވެ. އަދި އުރީދޫގެ 5އެމްބީޕީއެސް ޕެކޭޖު ލިބެނީ 349 ރުފިޔާއަށެވެ. ސަރުކާރުން މި ޕެކޭޖުގެ މަންތްލީ އެލަވަންސްއަށް ކަނޑައަޅާފައިވަނީ 30 ޖީބީ އެވެ. މިހާރުވެސް އުރީދޫގެ 5އެމްބީޕީއެސް ޕެކޭޖުން މިވަރު ލިބޭއިރު، ދިރާގުގެ 5އެމްބީޕީއެސް ޕެކޭޖުން 40 ޖީބީ ލިބެ އެވެ.

ދެވަނަ ޕެޖޭކަކީ 15 އެމްބީޕީއެސްގެ ޕެކޭޖެވެ. މި ޕެކޭޖުގެ މަންތްލީ އެލަވަންސްއަށް ސަރުކާރުން ކަނޑައަޅާފައިވަނީ 100 ޖީބީ އެވެ. ދިރާގުން މިހާރުވެސް މި އަދަދު ލިބޭއިރު، އުރީދޫގެ 15 އެމްބީޕީއެސް ޕެކޭޖުން ލިބެނީ 75 ޖީބީ އެވެ. މި ޕެކޭޖުގެ އަގަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ 500 ރުފިޔާ އެވެ. ނަމަވެސް ދިރާގުގެ 15 އެމްބީޕީއެސް ޕެކޭޖު މިހާރު ލިބެނީ 690 ރުފިޔާއަށެވެ. އަދި އުރީދޫގެ 15 އެމްބީޕީއެސް ޕެކޭޖުގެ އަގަކީ 549 ރުފިޔާ އެވެ. މި ދެ ޕެކޭޖުގެވެސް މިހާރު ތުރޮޓްލް ސްޕީޑަކީ 1 އެމްބީޕީއެސް ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވަނީ ތުރޮޓްލް ސްޕީޑް 5 އެމްބީޕީއެސްއަށް މަތި ކުރުމަށެވެ.

3 ވަނަ ޕެކޭޖަކީ 25 އެމްބީޕީއެސްގެ ޕެޖޭކެވެ. މި ޕެކޭޖަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ 700 ރުފިޔާ އެވެ. މިހާރު މި ޕެކޭޖު ލިބެން ހުރި އަގަކީ ދިރާގުން 990 ރުފިޔާ އަދި އުރީދޫއިން 749 ރުފިޔާ އަށެވެ. އަދި މި ޕެކޭޖުތަކުގެ ތުރޮޓްލް ސްޕީޑުވެސް 1 އެމްބީޕީއެސްއިން 5އެމްބީޕީއެސްއަށް މަތި ކުރަން ސަރުކާރުން ކަނޑައަޅާފައިވާއިރު، މަންތްލީ އެލަވަންސްއަށް ކަނޑައަޅާފައިވަނީ 200 ޖީބީ އެވެ. ދިރާގުގެ 25 އެމްބީޕީއެސް ޕެކޭޖުން މިހާރުވެސް 200 ޖީބީގެ އެލަވަންސްއެއް ލިބެ އެވެ. އުރީދޫއިން ލިބެނީ 120 ޖީބީ އެވެ.

މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެއެވެ.

އިންޓަނެޓްގެ އަގުހެޔޮކުރުން އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ ގޭގެއަށް ދޭ ޚިދުމަތުގެ އަގަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް އަންނާނެކަމަށެވެ.\

ސަރުކާރުން މިއަދު އިއުލާނުކުރި އާ އިންޓަނެޓުގެ އަގުތައް އަމާޒުކޮށްފައިވަނީ އާދައިގެ މިންވަރަކަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކާއި ސްކޫލް ކުދިންނާއި އައިސީޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.