English Edition
Dhivehi Edition
ފިނެސްސް މިނިސްޓަރާއެކު ބޭއްވި އައްޑު ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން(ފޮޓޯ އައްޑޫ ކައުންސިލް މީޑިއާ)

ކޮވިޑް 19އާއި ގުޅޭ ކަންކަމުގައި އައްޑޫސިޓީގެ އިސް ސަފުގައި މަސައްކަތް ކުރާ ފްރޮންޓްލައިން ވޯކަރުންގެ އެލަވަންސް މިމަހުގެ ތެރޭ ހަމަޖެހޭނެ ކަމަށް ފިނެންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އައްޑޫސިޓީގެ އާ ކައުންސިލް ހުވާ ކުރިފަހުން ފުރަތަމަ ފަހަރަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ހިމެނިވަޑައިގެން ބޭއްވި ބައްދަލު ވުމުގެ ތެރޭގައި އެމިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގެޒެކެޓިވް އަހްމަދު ސަރުވަޝް އާދަމްއެވެ. ވާޗުއަލްކޮށް ކުރިއަށްދިޔަ އެބައްދަލުވުމުގައި މިމައްސަލަ ސަމާލުކަމަށް ގެންނެވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރ އަޙްމަދު ސަޢީދެވެ. އޭނާވަނީ މިޙާލަތުގައި ރައްޔިތުންނާއި އެންމެ ގާތުން އެންމެ ގުޅުންހުރި މަސައްކަތެއް ކުރާ އެއް ބަޔަކީ އޭއީއޯސީއާއި އެސްއެސްޑީއަދި ސިއްޙީދާއިރާތަކާއި އެފަދަ އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ފްރޮންޓްލައިން ވޯކަރުންކަން ފާހަގަ ކުރައްވަމުން އެފަރާތްތަކުގެ އެލަވަންސް ހަމަޖެހިގެން ދިއުމަކީ މަސައްކަތަށް ލިބޭނެ އިތުރު ހިތްވަރަކަށް ވެފައި މިއެލަވަންސް އެފަރާތްތަކަށް ނުލިބިލަސްވުމުގެ ކަންބޮޑުވުން ޙިއްސާ ކުރައްވާފައެވެ.

މިކަމާގުޅިގެން ޗީފް ފައިނޭންޝިއަލް ބަޖެޓް އެގެޒެކެޓިވް އަހްމަދު ސަރުވަޝް އާދަމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭ އެލަވަންސާއި ގުޅޭ މަޢުލޫމާތު އެއްކޮށް މަސް ނިމުމުގެ ކުރިން ފައިސާ ދޫކުރުމުގެ ކަން ކަން ހަމަޖެހިގެންދާނެކަމަށެވެ. އައްޑޫގައި ފްރޮންޓްލައިން ވޯކަރުންގެ ގޮތުގައި 392 ފަރާތް ތިބި އިރު މީގެ ތެރެއިން 81 ފަރާތަކީ އައްޑޫ އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރާއި އަވަށް ތަކުގެ އެސްއެސްޑީތަކުގައި މަސައްކަތްކުރާ ވޯކަރުންނެވެ. މިއިން އެއްވެސް ފަރާތަކަށް އަދި މިހާތަނަށް އެލަވަންސް ލިބިފައެއް ނުވެއެވެ.

ޕްރޮންޓްލައިން ވޯކަރުންނަށް ޚާއްސަ އެލަވަންސެއް ދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމެވިކަން އިޢުލާން ކުރެއްވީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައި ފިނެންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. ރާއްޖޭގައި ފްރޮންޓްލައިން ވޯކަރުން ވަނީ 3 ގިންތިއަކަށް ބަހާލާފައެވެ. އެގޮތުން ހައިރިސްކް ވޯކަރުންނަށް ދުވާލަކު 500 ރުފިޔާގެ އެލަވަންސެއް ހަމަޖެހިފައިވާއިރު މީޑިއަލް ރިސްކް ވޯކަރުންގެ އެލަވަންސަކީ ދުވާލަކަށް 250 ރުފިޔާއެވެ. އަދި ލޯރިސްކް ވޯކަރުންނަށް ދުވާލަކު 200ރުފިޔާ ލިބޭގޮތަށް ހަމަޖެހިފައިވެއެވެ.