English Edition
Dhivehi Edition

ކަނޑުގަދަވެ އުފެދުނު ބާނިގަނޑާއެކު ގދ ހޯނޑެއްދޫއަށް އުދައެރުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިއްޖެއެވެ.

ހޯނޑެއްދޫ ކައުންސިލްގެ ނާއިބްރައީސް އަހްމަދު ޝިހާމް އޭއޯ ނިއުސް އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރަށުގެ އުތުރުފަރާތުން 1500 ވަރަކަށް ފޫޓަށް ލޮނުގަނޑު ރަށުތެރެއަށް އަރާފައިވާކަމަށާއި، އަދި ހުޅަނގުފަރާތުން އެރަށުގެ ހައުސިންގ ޔުނިޓްތައް ހިމެނޭ ސަރަހައްދަށްވެސް ލޮނުގަނޑުގެ އަސަރުކޮށްފައިވާ ކަމަށެވެ. ޝިހާމް އިތުރަށް ވިދާޅުވީ ރަށުގެ ދެކުނުފަރާތުންވެސް ކޮންމެވެސް ވަރަކަށް އުދަ އަރާފައިވާ ކަމަށާއި، މިހާބޮޑަށް އުދައިގެ އަސަރު ކުރުމަށް މެދުވެރިވެފައިވަނީ މަޑަވެލި – ހޯނޑެއްދޫ ކޯޒްވޭގެ މަސައްކަތް ކުރެވިފައިވާ ދޯހަޅި ސިޔާސަތުންކަމަށެވެ. އަދި ރަށަކީ ދަނޑުވެރި ރަށަކަށްވުމުން ދަނޑުބިންތަކަށް ލޮނުގެ އަސަރުކުރުން ގާތްކަމަށާއި، މި ދަނޑުބިންތަކަށް އަސަރުކޮށްފިނަމަ ގެއްލުން އިންތިހާއަށް ބޮޑުވާނެކަމަށާއި، މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަަމަށްވެސް ވިދާޅުވިއެވެ.

މި ކޯޒްވޭ އެޅިފަހުން މަޑަވެއްޔާއި، ހޯނޑެއްދޫއަށް ހުޅަނގު މޫސުމުގައި އަހަރަކު 20 ވަރަކަށް ފަހަރު އެކިވަރަށް އުދަ އަރައެވެ. އެހެންނަމަވެސް މިއަދު ހޯނޑެއްދޫގެ ރަށުތެރެއަށް ލޮނުގަނޑުގެ އަސަރުކޮށްފައިވަނީ އެހެންފަހަރުތަކާ ޚިލާފަށްކަމަށްވެސް ޝިހާމް ވިދާޅުވިއެވެ. ” މިފަދަ ކޯޒްވޭއަކުން ދެރަށަށް ލިބެނީ ގެއްލުން. ދިޔަ ބޮޑުވަންޏާ ދެރަށުގެ ރައްޔިތުން ތިބެންޖެހެނީ ބިރުވެރިކަމެއްގައި. އަޅުގަނޑުމެން ހޯނޑެއްދޫ ކައުންސިލުން މިހާރު މިދަނީ މިނިސްޓްރީ އާއި ވާހަކަދައްކަމުން. މިކަމަށް އަވަސް ހައްލެއް ލިބެންއެބަ ޖެހޭ.” ޝިހާމް ވިދާޅުވިއެވެ.

މި ކޯޒްވޭއަކީ ދައުލަތުގެ ބަޖެޓުން 29 މިލިޔަން ރުފިޔާ ހަރަދު ކޮށްގެން ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެމް ޓީ ސީ ސީ އާއި ހަވާލުކުރެވިގެން ކުރިޔަށްގެންދެވުނު މަޝްރޫއެކެވެ.

2 ކޮމެންޓް
މޯޑުހހގގ
މެއި 30, 2021
އަސްލު ރައްޔިތުން ބިރުންއުޅޭހެން ހީއެއްނުވޭ ކުޅިވަރުގަ ޒުވާނުން ދުވަސްހޭދަކުރަނީ މިސްތުގަ އެއްސަފުވެސް ހަމަނުވޭ އަދި ތިއައްވުރެ ބޮޱު ބިރުބޮޱު ދުވަހެއްވެސް އެބައޮތް
މޯޑު
މެއި 30, 2021
އަސްލު ރައްޔިތުން ބިރުންއުޅޭހެން ހީއެއްނުވޭ ކުޅިވަރުގަ ޒުވާނުން ދުވަސްހޭދަކުރަނީ މިސްތުގަ އެއްސަފުވެސް ހަމަނުވޭ އަދި ތިއައްވުރެ ބޮޱު ބިރުބޮޱު ދުވަހެއްވެސް އެބައޮތް