English Edition
Dhivehi Edition

ފުވައްމުލަކުސިޓީގެ ކޮވިޑު ކޮންޓުރޯލް ޓާސްކުފޯހުގައި ރާއްޖޭގެ ނިސްބަތުން ވަރަށް ތަޖުރިބާކާރު ފަސް ބޭފުޅަކު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔާރ މުޙައްމަދު ފިކުރީ ވިދާޅުވެއެޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ލިޔުއްވި ފޭސްބުކު ސްޓޭޓަސްއެއްގައެވެ.

އެސްޓޭޓަސްގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެކައުންސިލުން މިހާރުވެސް ފިޔަވަޅު އަޅަމުން އަންނަނީ، ކަމާއި ގުޅޭ އިތުރު ފަރާތްތަކުގެ ލަފާޔާއި އިރުޝާދުގެ ދަށުން ކަމަށާއި، އެއިން ކޮންމެ ކަމަކަށް ކައުންސިލުގެ ވޯޓަށްއެހި މެޖޯރިޓީވެސް ލިބިގެންކަމަށެވެ. ޑެޕިއުޓީމޭޔަރު އިތުރަށް ލިޔުއްވާފައިވާ ގޮތުގައި، ރައްޔިތުންގެ ގިނަމީހުންވެސް ފިޔަވަޅުތައް އަޅަން ތާއީދުކުރެއެވެ. އަދި ހަމަ އެހެންމެ ފިޔަވަޅުތައް އަޅަމުން މިއަންނަނީ 7 ދުވަހުން 7 ދުވަހުން ރިވިއުކުރަމުންދާ ގޮތަށްކަމަށްވެސް އެ ސްޓޭޓަސްގައި ލިޔުއްވާފައިވެއެވެ.

ފިޔަވަޅުތައް އަޅަން ނިންމާއިރު، ރަށުގެ އިޤުތިޞާދަށް ލިބޭނޭ ގެއްލުންތަކަށާއި، ރައްޔިތުންނަށް ލިބޭނޭ ގެއްލުން ތަކަށްވެސް ވިސްނާކަމަށާއި، ސިއްޙީ އިރުޝާދުތަކަށް ރައްޔިތުން ރަގަޅަށް ބޯލަބައި، އަމަލުކުރަން ފަށައިފިނަމަ މިހާރު މިއޮތް ސާޖު ދެތިން ހަފުތާ ތެރޭގައި ކުޑަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ލިޔުއްވާފައިވެއެވެ. އަދި އޭރުން ދެވެން ހުރި ހުރިހާ ލުޔެއްވެސް ރައްޔިތުންނަށް ދިނުމަށް ތާއީދުކުރައްވާކަމަށް ވެސް އެސްޓޭޓަސްގައި ވެއެވެ.

ފުވައްމުލަކު ސިޓީގައި ކޮވިޑު19އިގެ ވަބާ ފެތުރުން އާންމުވެ، ރަށުގެ ހާލަތުނާޒުކު ކަމަށް ދާދި ފަހުން ބޭއްވި ޕްރެސްއެއްގައi ސިޓީ ކައުންސިލްގެ މޭޔާރވެސް ވަނީ ފާހަގަ ކުރައްވާފައެވެ.